ޔޫކްރެއިނުގެ އަސްކަރީ އިންޖިނޭރުން ތަމްރީނު ކުރުމުގެ މުއްދަތު މި އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް އިތުރުކޮށްފައިވާ ކަމުގައި އެ ޤައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރިޑޯ ހާމަކޮށްފިއެވެ. މިހާރު ކެނެޑާއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ ކޮމިޝަނުގެ ރައީސާ އުރްސުލާ ވޮންޑެ ލަޔަންއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ޓްރިޑޯ ވިދާޅުވީ، ޔޫކްރެއިނުގެ ޞިއްޙީ ޚިދުމަތްތެރިންގެ ތަމްރީނު ކުރުމަށް ވެސް ކެނެޑާއިން އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމުގައެވެ.
ކެނެޑާގެ އޮންޓާރިޔޯގެ ކިންގްސްޓަންގައި ހުންނަ އަސްކަރީ މަރުކަޒެއްގައި ވޮންޑެ ލަޔަންއާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޓްރިޑޯ ވަނީ، ޔޫކްރެއިނުގައި މައިން ވަޅުލާފައިވާ ސަރަޙައްދުތައް ސާފުކުރުމަށް އެހީތެރިވުމުގެ ގޮތުން ކެނެޑާއިން 2.1 މިލިޔަން ޑޮލަރު ޚަރަދުކުރަން ނިންމާފައިވާ ކަން ވެސް ހާމަކުރައްވާފައެވެ. އަދި، ޔޫކްރެއިނުގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ކަށަވަރު ކޮށްދިނުމުގެ ގޮތުން ކެނެޑާއިން އެ ޤައުމަށް ޖަނަރޭޓަރުތަކެއް ފޮނުވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މި ހަނގުރާމައިގައި އަތްގަދަކޮށްފައިވާ ޚާރްސަންއިން ރަޝިޔާ ސިފައިން ފައްސައިލުމާ ގުޅިގެން، ރަޝިޔާއިން ވަނީ ޔޫކްރެއިނުގެ މައި ރަށްތަކަށް ވަރުގަދަ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތައް އަމާޒުކޮށްފައި ވަނީ، ޔޫކްރެއިނުގެ ރައްޔިތުންނަށް ކަރަންޓު ފަދަ އަސާސީ ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ވަސީލަތްތަކަށެވެ.
"ކެނެޑާއިން ޔޫކްރެއިނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުރިއަށް އޮތް ތަނުގައި ވެސް ދެމިއޮންނާނެ،" ޓްރިޑޯ ވިދާޅުވިއެވެ. ޔޫކްރެއިނުގެ އަސްކަރީ އިންޖިނޭރުންނަށް ތަމްރީނުދިނުމުގެ މުއްދަތު އިތުރު ކުރުމަށް ކެނެޑާއިން ނިންމާފައި މި ވަނީ، އެ ކަމަށް ކުރިން އެއްބަސްވެފައިވާ މުއްދަތު ހަމަވާން ކައިރިވުމުންނެވެ.
ކެނެޑާއިން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި 726,255 އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީ ޔޫކްރެއިނަށް ފޯރުކޮށްދީފައިވެއެވެ. މީގެ ތެރޭގައި ޖަރުމަނު ވިލާތުގައި އުފައްދާ "ލެޕަޑް 2" މަރުކާގެ އަސްކަރީ ޓޭންކާއި، އަސްކަރީ އުޅަނދުފަހަރާއި، މިސައިލާއި ހޮވިޓްޒަރ ބަޑި ހިމެނެއެވެ. ޓްރިޑޯއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވޮންޑެ ލަޔަން ވަނީ، ޔޫކްރެއިނަށް ކެނެޑާއިން ފޯރުކޮށްދެމުންދާ އަސްކަރީ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
އީ.ޔޫ.އިން ވެސް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ޔޫކްރެއިނަށް 12.6 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރާއި އަސްކަރީ ސާމާނު ފޯރުކޮށްދީފައެވެ. އަދި، ހުސްވި 2022 ވަނަ އަހަރު ނިމުމުގެ ކުރިން އީ.ޔޫ.އިން ވަނީ ޔޫކްރެއިނުގެ 30,000 ސިފައިންނަށް އަސްކަރީ ތަމްރީނު ފޯރުކޮށްދީފައެވެ. ކެނެޑާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވޮންޑެ ލަޔަން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ތަޤުރީރު ކުރައްވަން ވެސް ވަނީ ހަމަޖެހިފައެވެ. ކެނެޑާއަށް ފަހު އޭނާ ދެން ވަޑައިގަންނަވާނީ އެމެރިކާއަށެވެ.