ޚަބަރު

ޕްރިޔަންކާގެ "ސިޓަޑެލް" ގެ ޓްރެއިލާ ދައްކާލައިފި


"އެވެންޖާސް: އެންޑްގޭމް" ފަދަ ފިލްމުތައް ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯ ރުސޯ ޕްރޮޑިއުސްކުރާ ސްޕައި ތްރިލާ ސީރީޒް "ސިޓަޑެލް" ރިލީޒްކުރަން ތާވަލުކޮށްފައި ވަނީ އަންނަ މަހު 28 ގައި އެމެޒޯން ޕްރައިން ވީޑިއޯ އިންނެވެ.

ސައިންސް ފިކްޝަން ސްޕައި ޖޯންރާގެ "ސިޓަޑެލް" އިން ޕްރިޔަންކާ ޗޯޕްޅާ ޖޯނަސް އާއި ރިޗަޑް މެޑެން ލީޑް ރޯލުން ފެނިގެންދާއިރު، މީގެ ޕޯސްޓަރުތަކާއި ޓީޒާތަކަށް މިހާރުވެސް އަންނަނީ ބޮޑު ސަމާލުކަމެއް ލިބެމުންނެވެ. މިއާއިއެކު މިހާރު މިވަނީ މީގެ ރަސްމީ ޓްރެއިލާވެސް ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

ޕްރިޔަންކާ އާއި ރިޗާޑްގެ އިތުރުން މީގެ އިތުރު ކާސްޓުންގެ ތެރޭގައި ސްޓޭންލީ ޓަކީ، ލެސްކީ މެންވިލް، އޭޝްލީ ކަމިންސް، ރޯލަންޑް މޮލާ އަދި އޮޒީ އިކައިލް ހިމެނެއެވެ.


މީގެ އިތުރު ވާޝަންތަކެއް އެކި ބަސްތަކުން ވެސް ހަދަން ނިންމާފައިވާ އިރު، ޕްރިޔަންކާ ނިސްބަތްވާ އިންޑިއާގެ ވާޝަން "ސިޓަޑެލް އިންޑިއާ" ގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ވަރޫން ދަވަނާއި ސަމަންތާ ރޫތު ޕްރަބޫ ލީޑް ކުޅޭ ސީރީޒް ޑައިރެކްޓްކުރަނީ މި މަހު ޝާހިދު ކަޕޫޒްގެ ސީރީޒް "ފަރުޒީ" އެމެޒޯނަށް ގެނެސްދިން ރާޖް އެންޑް ޑީކޭ އެވެ.

"ސިޓަޑެލް" ގެ ސްޕެއިން، އިޓަލީ އަދި މެކްސިކޯގެ ވާޝަންތަކެއް ވެސް ހަދަން ހަމަޖެހިފައިވެ އެވެ. އޭބީސީގެ ސިލްސިލާ "ކްއަންޓިކޯ" އިން 2015 ގައި ހޮލީވުޑް ދަތުރު ފެށި ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމަކީ މެއި 12 އަށް ތާވަލުކޮށްފައި އޮތް "ލަވް އެގެއިން" އެވެ.