ވިޔަފާރި

މާފަރާއި މާވަރުލު އެއާޕޯޓު ހެދުމަށް 9 ފަރާތަކުން ކުރިމަތިލައިފި


ނ. މާފަރު އެއާޕޯޓާއި ގދ. މާވަރުލު އެއާޕޯޓު ހެދުމަށް 9 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ. ނ. މާފަރު އަދި ގދ.މާވަރުލުގައި ޑޮމެސްޓިކް އެއަރޕޯޓް ހަދަން ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު  ހަމަވެފައިވަނީ އިއްޔެއެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަ ޖެނަރަލް ސާމީ އަގީލް ވިދާޅުވީ ނ. މާފަރު އަދި ގދ.މާވަރުލުގައި ޑޮމެސްޓިކް އެއަރޕޯޓް ހަދަން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް، އީއޯއައި ހުށަހަޅާފައިވާ ކުންފުނިތަކުގެ ތެރޭގައި ދިވެހި ކުންފުނިތަކާއި ޖަރުމަނީ، ސްރީލަންކާ، ޗައިނާ، ތުރުކީ އަދި ސައުތު ކޮރެއާގެ ކުންފުނިތައް ހިމެނޭ ކަމަށެވެ.

ސާމީ ވިދާޅުވީ އީއޯއައި ހުށަހެޅި ކުންފުނިތަކު ތެރެއިން އެންމެ ރަނގަޅު ކުންފުނިތަކަށް ރިކްއެސްޓް ފޯ ޕްރޮޕޯސަލް، އާރްއެފްޕީ ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފްތާ ތެރޭ ދޭނެ ކަމަށާއި އާރްއެފްޕީ ހުށަހެޅުމަށް ދޭނީ 21 ދުވަސް ކަމަށް. އަދި މާރޗް މަހުގެ ފަހު ކޮޅު މި ދެ އެއަރޕޯޓްގެ މަސައްކަތް ބަޔަކާއި ހަވާލުކުރެވޭނެ ކަމަށް ސާމީ ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި މާފަރު އެއަރޕޯޓް ތަރައްގީކުރުމަށް ޙަވާލުކުރެއްވި ކުންފުންނިން މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާތީ، އެ އެގްރީމެންޓް ބާޠިލްކުރައްވައި، ރައީސް ވަޙީދުގެ ސަރުކާރުން އަލުން މާފަރު އެއަރޕޯޓް އިއުލާންކުރައްވައި އެމަސައްކަތް ދެއްވާފައިވަނީ، މިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑަށް. އެފަރާތާއެކު ވެފައިވާ އެއްބަސްވުން ބާޠިލްކުރެއްވީ އެގްރިމެންޓްގައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވެއެވެ.

2011 ވަނައަހަރު  ސަރުކާރުން މާވާރުލު ވައިގެ ބަނދަރު ތަރައްޤީކުރެއްވުމަށް މޫވިންގ އިންޓަނޭޝަނަލާ ޙަވާލުކުރައްވާފައިވާއިރު މާވަރުލު އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުން ބާޠިލްކުރެއްވީ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވިއިރުވެސް އެއަރޕޯޓްގެ މަސައްކަތް ނިމިފައި ނުވުމުން ކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވެއެވެ.