ސިޔާސީ

ހައުސިން ޔުނިޓް އެޅުމަށް ބޭރުގެ ކުންފުންޏަކަށް ދިން 550000 ޑޮލަރު ހޯދަން 2 ކުންފުންޏަކަށް އަންގައިފި


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީގެ ހިއްސާ އޮންނަ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް އެމް.އާރް.އީ.އައި.ސީން އޮސްޓްރޭލިޔާގެ ކުންފުންޏަކަށް ދީފައިވާ 550000 (ފަސްސަތޭކަ ފަންސާސް ހާސް) ޑޮލަރު ދަޢުލަތަށް އަނބުރާ ހޯދުމަށް އެމް.ޓީ.ސީ.ސީއަށާއި އެމް.އާރު.އީ.އައި.ސީއަށް އޭސީސީން އަންގައިފިއެވެ.

މި ފައިސާ އޮސްޓްރޭލިޔާގެ ކުންފުންޏަކަށް ދީފައިވަނީ 2007 ވަނަ އަހަރު ހުޅުމާލޭގައި 690 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރުމަށެވެ. ފައިސާ ހޯދުމަށް އޭސީސީން އަންގާފައިވަނީ އެމް.ޓީ.ސީ.ސީގެ %99.99 ހިއްސާވާ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް(އެމް.އާރު.އީ.އައި.ސީ) އިން "އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އޮސްޓްރޭލިޔާ (އައި.އެފް.ސީ.އޭ) ކިޔާ އޮސްޓްރޭލިޔާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ގެދޮރު ބިނާކޮށް، ރިއަލް އެސްޓޭޓް ޑިވެލޮޕްކުރުމަށް ބޭނުންވާ ވަރަށް ގިނަ ޢަދަދެއްގެ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި އަނބުރާ ދޭގޮތަށް 550000 (ފަސްސަތޭކަ ފަންސާސް ހާސް) ޑޮލަރު އެކުންފުންޏަށް ދިންކަމަށް ބުނާ މައްސަލައިގެ ތަހުގީގަށްފަހުގައެވެ.

އޭސީސީން ވިދާޅުވީ އައި.އެފް.ސީ.އޭއަށް ދީފައިވާ 550000 (ފަސްސަތޭކަ ފަންސާސް ހާސް) ޑޮލަރަކީ މަސައްކަތަށް ބޭނުންވާ ކެޕިޓަލް ފައިސާ އައި.އެފް.ސީ.އޭއިން ހޯދުމަށްފަހު އެމް.އާރު.އީ.އައި.ސީއަށް އަނބުރާ ޙަވާލުކުރަންޖެހޭ ފައިސާކަމަށެވެ. އަދި އެ ފައިސާއަކީ އެ ޕްރޮޖެކްޓާ ގުޅިގެން އެމް.ޓީ.ސީ.ސީން އެމް.އާރު.އީ.އައި.ސީއަށް ދީފައިވާ ފައިސާކަން އެނގޭއިރު، އައި.އެފް.ސީ.އޭއިން މިއަދާ ހަމައަށް ވެސް އެ ފައިސާ އަނބުރާ އެމް.އާރު.އީ.އައި.ސީއަށް ދީފައިނުވާތީ، މި މައްސަލާގައި ހިމެނޭ 550000 (ފަސްސަތޭކަ ފަންސާސް ހާސް) ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށްވާތީ، އެފައިސާ ދަޢުލަތަށް އަނބުރާ ހޯދުމަށް އެމް.ޓީ.ސީ.ސީއަށާއި އެމް.އާރު.އީ.އައި.ސީއަށް އޭސީސީން ވަނީ އަންގާފައެވެ.