ކުޅިވަރު

ނިއުކާސަލް އަތުން ޗެމްޕިއަން ސިޓީއަށް މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓިން ކާމިޔާބުކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި ޖަހާ ސިޓީއަށް ލީޑު ނަގާދިނީ ފިލް ފޯޑެންއެވެ. މިއީ ފޯޑެންގެ މޮޅު ކުޅުމާއެކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެގަނެ ޖަހާފައިވާ ވަރަށް ރީތި ލަނޑެކެވެ. މިމެޗްގައި ސިޓީގެ ދެވަނަ ލަނޑު މެޗްގެ 67 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ ބެރނާޑޯ ސިލްވަރއެެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ. މިގޮތުން ނިއުކާސްލްއަށް ވެސް ލަނޑު ޖަހާނެރަނގަޅު ދެތިން ފުރުސަތު މިމެޗްގެ ތެރޭގައި ލިބި ބޭކާރުވެގެންދިޔަތަން ފެނިގެންދިޔައެވެ.

މިކާމިޔާބީއާއެކު ސިޓީ ވަގުތީ ގޮތުން ތަވަލްގެ އެއްވަނައިގާ އުޅޭ އާސެނަލް އާއި ދެމެދުގައިވާ ފަރަގު ދެ ޕޮއިންޓަށް ކުޑަކުރި ނަމަވެސް އާސެނަލް ރޭ ކުޅުނު މެޗް ފަހު ވަގުތު ކާޟިޔާބު ކުރުމާއެކު ދެޓީމްގެ ދެމެދުގައި މިހާރު އަނެއްކާ ފަސް ޕޮއިންޓްގެ ތަފާތެއް އެބަހުއްޓެވެ. ސިޓީއަށް މިހާރު ލިބިފައިވަނީ 26 މެޗުން 58 ޕޮއިންޓެވެ. އަދި ނިއުކާސްލް އުޅެނީ 24 މެޗުން ލިބިފައިވާ 41 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ.