ޚަބަރު

ސިޓީ ކައުންސިލުން އަމަލުކުރާ ގޮތުން ވިލިމާލޭ ކައުންސިލަރުގެ ކަންބޮޑުވުން


މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ އެ ކައުންސިލްގެ ބައެއް ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކައުންސިލުން އަމަލުކުރާ ގޮތާމެދު ކަންބޮޑުވުން ނަހުލާ ނެރުނު ބަޔާނެއްގައި ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވެސް ވިލިމާލެއާ ބެހޭގޮތުން އަމާޒުވި ބައެއް ސުވާލުތަކަށް ޖަވާބު ދިނުމުގެ ފުރުސަތު އޭނާއަށް ކައުންސިލުން ދީފައިނުވާ ކަމަށެވެ. އަދި އާންމުން ބައެއް ސުވާލުތައް ކުރި ވަގުތު މައިކުގެ އަޑު ކަނޑާލާފައިވާ ކަމަށާއި އަދި ބައެއް ސުވާލުތަކަށް ހަގީގަތާ ހިލާފަށް ކައުންސިލުން ޖަވާބު ދިން ކަމަށްވެސް ނަހުލާ ނެރުނު ބަޔާނުގައިވެއެވެ.

ނަހުލާގެ ބަޔާނުގައި ވަނީ ބައެއް ކަންކަން ކައުންސިލްގެ ޖަލްސާއަށް ގެނައުމެއް ނެތި ކައުންސިލުން ނިންމަމުންދާކަމަށްވެސް ވިދާޅުވެފައެވެ.

އެ ބަޔާނުގައިވާ ގޮތުން ރެޑްވޭވަށް ވިލިމާލޭއިން ބިމެއް ދޭން އެއްބަސްވުމެއް ހަދާފައިވާ ކަމަށް މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ދާދި ފަހުން ވިދާޅުވިޔަސް އެކަން އެގޮތަށް ނިންމުމުގައި ނަހުލާގެ ބައިވެރިވުމެއް ނެތްކަމަށެވެ. އަދި އެ ކަމުގައި ކައުންސިލްގެ މަޝްވަރާއަށް މިހާތަނަށް އައިސްފައިނުވާކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.

ނަހުލާގެ ބަޔާނުގައި ވިދާޅުވީ ޕީޕީއެމުން އޭނާ ވަކިކުރުމަށްފަހު ސިޓީ ކައުންސިލްގެ ވިލިމާލޭ ކޮމިޓީގެ މުގައްރިރު ކަމުން އޭނާ ވަކިކުރީ އުސޫލުތަކާއި ހިލާފަށް ކަމަށެވެ. އަދި އޭނާއަށް އެންގުމެއް ނެތި އަދި ބިޑް ކުރުމާއި އިއުލާން ކުރުމެއް ނެތި ކޮމިޓީން ކަންކަން ނިންމަމުން ގެންދާކަމަށްވެސް ވިދާޅުވިއެވެ.

މި ބަޔާން ދޮގުކޮށް ސިޓީކައުންސިލުން ނެރުނު ބަޔާނުގައި ވިދާޅުވީ ވިލިމާލެއިން ރެޑްވޭވަށް ބިމެއް ދޫކުރުމަށް އެއްބަސްވުން ހަދާފައިވަނީ އެ ފަދަ ކަންކަން ކުރުމަށް އޮންނަ އުޞޫލުގެ ތެރެއިން ކަމަށެވެ. އެގޮތުން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވީހާވެސް ގާތުން ވިޔަފާރީގެ ޚިދުމަތް ލިބިދިނުމަށް ބޭނުންވެ، ވިލިމާލޭގައި ކޮމާޝަލް ބިލްޑިން އެއް އެޅުމަށް ބޭނުންވާތީ، އެ ކަމަށް ޝައުޤުވެރިވާ ފަރާތްތަކެއް ހޯދަން އިއުލާންކުރެވުނު ކަމަށާއި އަދި އެ ކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ދިރާސާ ކުރުމަށްފަހު ކައުންސިލަށް އެންމެ ފައިދާހުރި ހުށަހެޅުމެއް ހުށަހަޅާފައިވާ ފަރާތެއް ކަނޑައަޅާފައިވަނީ ކައުންސިލުގެ ބިޑުކޮމެޓީންކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.


އަދި އެކަމާއިބެހޭ ބައްދަލުވުންތަކުގައި ވެސް ވިލިމާލޭގެ ކައުންސިލަރު ހާޒިރުވެ ބަހުސްގައި ބައިވެރިވެ މި ކަންކަން ކުރިއަށް ގެންދިއުމަށް ވޯޓު ދެއްވާފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި އެ ބައްދަލުވުންތަކުގެ ހާޒިރީގައި ވިލިމާލޭ ދާއިރާގެ ކައުންސިލަރު ސޮއިކޮށްފައިވާކަމަށްވެސް ސިޓީ ކައުންސިލުގެ ބަޔާނުގައިވެއެވެ.