ޚަބަރު

މެލޭޝިޔާގައި ފެންބޮޑުވެ ބަޔަކު މަރުވެއްޖެ


މެލޭޝިޔާގެ ބައެއް ސްޓޭޓްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ހިނގި ބައެއް ހާދިސާތަކުގައި ހަތަރު މީހުން މަރުވެއްޖެއެވެ. ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ މެލޭޝިޔާގެ ދެކުނުގައި އޮންނަ ޖޮހޯރް ސްޓޭޓަށެވެ.

ފެންބޮޑުވުމާ ގުޅިގެން މިހާތަނަށް 41,000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ފެންބޮޑުވެ، ބައެއް ސަރަޙައްދުތަކުގައި ގެދޮރާއި ޢާންމުންގެ މުދަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި، މަގުތަކުގައި ފެންބޮޑުވެ، އެއްގަމުއުޅަނދުފަހަރަށް ވަނީ ގެއްލުން ލިބިފައެވެ.

ފެންބޮޑުވުމާ ގުޅިގެން އެކަކު މަރުވެފައި ވަނީ އޭނާ ދަތުރުކުރަމުންދިޔަ ކާރު، ފެނުގެ ކޯރަކަށް ދަމައިގަތުމުންނެވެ. އަދި، އުމުރުން ދުވަސްވީ ދެމަފިރިއަކު ވެސް ވަނީ ގެނބިގެން މަރުވެފައެވެ. އެންމެ ފަހުން މަރުވެފައި ވަނީ 68 އަހަރުގެ އަންހެނެކެވެ. މެލޭޝިޔާގެ ސަރަޙައްދުތަކަށް މިހާރުވެސް ހުއްޓުމެއްނެތި ވާރޭވެހެމުން ދިޔުމުގެ ސަބަބުން، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ.

ފެންބޮޑުވުމުގެ އަސަރު މެލޭޝިޔާގެ ހަ ސްޓޭޓަކަށް ކޮށްފައިވާއިރު، އެންމެ ގިނަ ޢަދަދެއްގެ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހިފައި ވަނީ ޖޮހޯރްގައެވެ. އެ މީހުން ބަދަލުކޮށްފައި ވަނީ ސްކޫލްތަކާއި އިޖުތިމާޢީ މަރުކަޒުތަކަށެވެ. އަދި، އެ މީހުންނަށް ކާބޯތަކެއްޗާއި އަންނައުނު ފޯރުކޮށްދޭން އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިއީ، ފާއިތުވި 50 އަހަރުގެ ތެރޭގައި ޖޮހޯރަށް ކުރިމަތިވި އެންމެ ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ ކަމުގައި އެ ޤައުމުގެ ނޭޗަރ ސޮސައިޓީގެ ރައީސް ވިންސެންޓް ޗައު ވިދާޅުވިއެވެ. އަދި، ކުރިއަށް މޫސުން ލަފާކުރުން ދަތި ކަމަކަށްވެފައިވާ ކަމަށާއި، މިއީ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެ ޤައުމަށް ކުރިމަތިވި ތޫފާނެއް ކަމަށް ބެލެވޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޖޮހޯރްގެ ކޯރުތަކުގެ އައްސޭރިފަށުގައި ދިރިއުޅޭ މީހުން ހާލުގައި ޖެހިފައިވާ ކަމަށާއި، ބައެއް ސަރަޙައްދުތަކުން ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ހުސްވެފައިވާ ކަމުގައި ފުލުހުން ވިދާޅުވެއެވެ. އަދި، އެ މީހުންނަށް ވައިގެ މަގުން އެހީގެ ސާމާނު ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.

މެލޭޝިޔާގެ ވިއްސާރަ މޫސުން ފެށިފައި ވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. އޭގެ ފަހުން، އެ ޤައުމުގެ ބޮޑު ސަރަޙައްދަކަށް ދޭތެރެދޭތެރެއިން ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. މެލޭޝިޔާގެ ތާރީޚުގައި ވެސް ކުރިމަތިވި އެންމެ ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ ހިނގާފައި ވަނީ 2014 ވަނަ އަހަރުއެވެ. އެ ފަހަރު ފެންބޮޑުވުމާ ގުޅިގެން 118,000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނެވެ.