ވީނުވީއެއް ނޭނގި ގެއްލުނު ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓޮން މަރާލުމުގެ ތުހުމަތުގައި، ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޒާމްގެ މައްޗަށް ދަޢުވާކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ވަގުތެއްގައި ފިއުލް ޕަވަރ ކުންފުނީގެ "ހެދޭކުރި" ދޯނީގައި މަސައްކަތްކުރާ ބަނގަލަދޭޝް ރައްޔިތެއްކަމަށްވާ މޮހައްމަދު ލިޓޮން އަދި ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޒާމް "ހެދޭކުރި" ދޯނީގައި ވިލިމާލެއިން ފުރައިގެން ދިއުމަށްފަހު، ލިޓޮންއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައިގައި ނިޡާމްގެ މައްޗަށް ދަޢުވާކުރަން ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހުށަހައަޅާފައިވާކަމަށެވެ. މި މައްސަލާގައި ނިޒާމްގެ މައްޗަށް 3 ދަޢުވާއެއް ވަނީ އުފުލާފައެވެ.
ޕީޖީ އޮފީހުން ވިދާޅުވީ ނިޒާމްގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުން، ޤަޞްދުގައި މީހަކުމެރުމުގެ ކުށުގެ ދަޢުވާއާއި، ވައްކަންކުރުމުގެ ކުށުގެ ދަޢުވާއާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން، ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާކަމަށެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ 26 އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ޙުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ. އަދި ފަންސަވީސްހާސް ރުފިޔާއިން ފެށިގެން ފަސްލައްކަ ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް އަންނާނެއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ މުހައްމަދު ނިޒާމް، ލިޓޮން މަރާލާފައިވަނީ އޭނާގެ އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައި ކަމަށް ތަހުގީގަށް ހޯދިފައިވާކަމަށެވެ. އަދި ލިޓޮން މަރާލާފައިވަނީ އޭނާއަށް ނޭނގި ހުއްޓައި، ކ.ގަލުފަޅު ކިޔާ ސަރަޙައްދު ކައިރިއަށް މޫދަށް، އޭނާ ކޮށްޕާ ވައްޓާލައިގެންކަމަށާއި، މިކަން ހިނގާފައިވަނީ 28 ޑިސެންބަރުގެ ރޭގަނޑު 19:00 އާއި، 20:30 އާ ދެމެދުގެ ވަގުތެއްގައިކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ. މީގެ އިތުރުން ހެދޭކުރި ދޯނީގައި ހުރި މުޙައްމަދު ލިޓޮންގެ ފަންސާސް އެއްހާސް ރުފިޔާއަށް ވުރެ ގިނަ ފައިސާ، މުޙައްމަދު ނިޒާމް ވަގަށް ނަގާފައިވާކަމަށްވެސް ތަޙްގީގަށް ހާމަވެފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ
ޕީޖީ އޮފީހުން ވިދާޅުވީ މަސްތުވާތަކެތިން މުޢާމަލާތުކުރުމުގެ ދަޢުވާ ނިޒާމްގެ މައްޗަށް ކޮށްފައިވާނީ އޭނާ ކުއްޔަށް ހިފައިގެން އުޅޭ މއ.ޝާދީވިލާ އުތުރުބައިގެ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު، ބަރުދަނުގައި ޖުމްލަ 3.2565 ގްރާމް ޑައިމޯފިން ފެނިފައިވާތީކަމަށެވެ. އަދި ނިޒާމް މަސްތުވާތަކެތި ގަނެފައިވަނީ ހެދޭކުރި ދޯނިން ވަގަށްނެގި ފައިސާއިންކަމަށް ތުހުމަތުކުރެވޭކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.