ޚަބަރު

ޝާހުގެ އަންހެނުންނާއި ދެކޮޅަށް ފުލުހަށް މައްސަލައެއް


ބޮލީވުޑް ތަރި ޝާހުރުކްހާންގެ އަންހެނުން ގޯރީހާނާއި ދެކޮޅަށް ފުލުހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ފިލްމީ ޅަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ގޯރީ އާއި ދެކޮޅަށް މައްސަލަ ހުށަހެޅީ މުމްބާއީއަށް ނިސްބަތްވާ ޖަސްވަންތު ޝާހު ކިޔާ މީހެކެވެ.

ގޯރީ ބްރޭޑް އެމްބެސަޑަރުކަން ކުރާ ކުންފުންޏެއް ކަމަށްވާ ތުލްސިޔާނީ ކޮންސްޓަރަކްޝަނަށް ފްލެޓެއް ގަންނަން ފައިސާ ދެއްކުމުންވެސް އެ ފްލެޓް އޭނާއަށް ދީފައި ނުވާކަމަށް އޭނާ ތުޙުމަތުކުރެއެވެ. އަދި ފްލެޓް ގަންނަން އޭނާ 86 ލައްކަ ރުޕީސް ދިން ނަމަވެސް، އޭނާ ގަންނަން ހުށަހެޅި ފްލެޓް އެހެން މީހަކަށް ވިއްކައިލުމަށް ފަހު، ފައިސާ އަނބުރާ ދީފައިނުވާކަމަށްވެސް އޭނާ ބުނެއެވެ.

މި މައްސަލަ ގޯރީ އާއި ދެކޮޅަށް ހުށަހެޅީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ގޯރީގެ ނުފޫޒުން ފްލެޓް ގަންނަން ހިތްޖެއްސުމުން ކަމަށްވެސް ޖަސްވަންތް ބުނެއެވެ.

ގޯރީއަކީ އިންޑިއާގެ ވަރަށް ނުފޫޒު ގަދަ އިންޓީރިއާ ޑިޒައިނަރެކެވެ. އަދި ގޯރީ ޑިޒައިން (ޖީޑީ) ގެ ނަމުގައި ލަގްޒަރީ ޑިޒައިން ސްޓޫޑިއޯއެއް ވެސް އޭނާ ހިންގައެވެ.

ޖަސްވަންތަށް ފްލެޓް ނުލިބުނު މައްސަލާގައި އެ ކުންފުނީގެ ޗީފް މެނޭޖިން ޑިރެކްޓަރު އަނިލް ކުމާރު ތުލްސިޔާނީ އާއި ޑިރެކްޓަރު މަހޭޝް ތުލްސިޔާނީ މައްޗަށް މަކަރާއި ހީލަތް ހެދި ކަމުގެ ތުހުމަތުކޮށްފައިވެއެވެ.