ޚަބަރު

އެމްއެންޕީންވެސް ގުރައިދޫ ދާއިރާއަށް ކެނޑިޑޭޓެއް ނެރެނީ


ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑިއަށް، މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީން ވާދަކުރަން ނިންމާ ޕްރައިމަރީއަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ގުރައިދޫ ދައިރާގެ ގޮނޑި ހުސްވެފައިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ޕީޕީއެމްގެ މެމްބަރު އިބްރާހިމް ރިޒާ މިދިޔަ މަހުގެ 23 ވަނަދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވަނީ އޭޕްރީލް މަހުގެ 15ގައެވެ. ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު މާރިޗު 13 ވާ ހޯމަ ދުވަހުގެ 14:00 އާ ހަމަޔަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީން ބުނީ ގުރައިދޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް އެމް.އެން.ޕީގެ ފަރާތުން ކުރިމަތިލާން ޝައުގުވެރިވާ ޕާޓީގެ މެންބަރުންނަށް ހުޅުވާލާފައިވާކަމަށެވެ. އެޕާޓިން ވަނީ ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެނަމަ މިމަހުގެ 10ގައި ބޭއްވުމަށް ނިންމާފައެވެ.

އެމްއެންޕީގެ އިތުރުން ގުރައިދޫ ދާއިރާއަށް ކެނޑިޑޭޓަކު ނެރުމަށް މިހާތަނަށް ހުޅުވާލާފައިވަނީ އެމްޑީޕީންނެވެ. އެޕާޓީން ޕްރައިމަރީއަށް ހުޅުވާލި ފުރުޞަތުގައި 4 މީހަކު ވަނީ ކުރިމަތިލާފައެވެ. އެމްޑީޕީން ބާއްވާ ޕްރައިމަރީ އޮންނާމީ މިމަހުގެ 11 ވަނަދުވަހުއެވެ. މި ދާއިރާގައި މިިދިޔަ ތިން ދައުރުވެސް އެމްޑީޕީން ވާދަކުރިނަމަވެސް އެ ޕާޓީއަކަށް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި މިހާތަނަށް ހުންނެވި އިބްރާހީމް ރިޒާ ވަނީ އެދާއިރާގެ މެންބަރުކަން 14 އަހަރު ފުރުއްވާފައެވެ. ރިޒާ ގެންދެވީ މަޖިލީހުގެ ޖުޑިޝަރީއާއި، މިނިވަން މުވައްސަސާތަކުގެ ކޮމިޓީގެ މެންބަރުކަންވެސް ކުރައްވަމުންނެވެ.

ޤާނޫނީ ވަކީލުކަންވެސް ކުރައްވަމުން ގެންދެވި ރިޒާ ވަނީ ރައްޔިތުން މަޖިލީހުގެ މިދިޔަ ދައުރުގައި އެމަޖިލީހުން ޖޭއެސްސީއަށް ކަނޑައެޅުއްވި މެމްބަރުގެ ގޮތުގައި އެ ކޮމިޝަންގައިވެސް މަސައްކަތް ކުރައްވާފައެވެ. އަދި ޖޭއެސްސީގެ ނައިބު ރައީސްގެ މަޤާމުވެސް ރިޒާވަނީ ފުރުއްވާފައެވެ.