ޚަބަރު

ގެއްލުނު މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ


އައްޑޫ ސިޓީ ހުޅުދޫ، މީހަކު ގެއްލިގެން ފުލުހުން ހޯދަމުންދާ ކަމަށާއި މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައިނުވާ ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

ގެއްލިގެން ފުލުހުން ހޯދަމުންދަނީ އައްޑޫ ސިޓީ ހުޅުދޫ، ސަނީލޮޖް، އުމުރުން 46 އަހަރުގެ، ޢަލީ އާރިފް ކަމަށް ފުލުހުންވަނީ ހާމަކުރައްވާފައެވެ. ފުލުހުން ވިދާޅުވީ މިމީހާ ގެއްލިފައިވާ ކަމަށް ބުނެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުކަމަށެވެ.

އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާށާއި، އެންމެ ފަހުން ޢާއިލާއަށް އޭނާގެ ޚަބަރެއްވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް ޢާއިލާއާއި ހަވާލާދީ ފުލުހުން ވިދާޅުވެއެވެ. އަދި އޭނާއަކީ ކަންނެލި މަސްވެރިކަމަށް ގޮސްއުޅޭ މީހެއްކަމަށްވެސް ޢާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ.

އަލީ އާރިފް ގެއްލިގެން ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށް، އަލީ އާރިފް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އާރިފް ފެނިފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ގެއްލިގެން ހޯދަމުން އަންނަ އަލީ އާރިފްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790083 އަށް ގުޅައި އެމަޢުލޫމާތު ހިއްސާކުރުމަށް ފުލުހުންވަނީ ޢާއްމުންގެ ކިބައިން އެދިފައެވެ.