އިނގިރޭސި އެފްއޭ ކަޕްގެ ކްއާޓަރ ފައިނަލުން މެންޗެސްޓަރ ސިޓީ ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ކުއާޓާފައިނަލުން ސިޓީ ޖާގަހޯދީ ފަސްވަނަ ބުރުގައި ރޭ ބްރިސްޓަލް ސިޓީ އާއި ބައްދަލުކުރި މެޗް 3-0 އިން ކާމިޔާބުކޮށްގެންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. މިމެޗްގައި ސިޓީއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 7 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފިލް ފޯޑެންއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ޖަހާދިނީވެސް ފޯޑެންއެވެ. އަދި ފަހު ލަނޑު މެޗްގެ 81 ވަނަ މިނެޓްގައި ޖަހަދިނީ ކެވިން ޑި ބްރުއިނަރއެވެ. މި
މެޗުގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ސިޓީއަށް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. މިމެޗްގައި ބްރިސްޓަލްއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް އެޓީމުންވެސް ވަނީ މިމެޗްގެ ބޮޑު ބައެއްގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިއީ ވޭތުވެދިޔަ 12 މެޗްގައި ބްރިސްޓަލް ބަލިވި ފުރަތަމަ މެޗެވެ.
މެޗަށްފަހު ވާހަކަދައްކަމުން ފޯޑެން ހާމަކުރިގޮތުގައި އޭނާ މިހާރު ސަތޭކަ ޕަސެންޓް ފިޓްްވެފައިވާކަމަށެވެ. ވާރލްޑް ކަޕަށް ފަހު ފޯޑެންގެ ކުޅުން ވަނީ ދައްވެ ސިޓީގެ ފުރަތަމަ އެގާރައިންވެސް ޖާގަ ގެއްލިގެން ގޮސްފައެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި މިގޮތަށް ކަންތައް ދިމާވީ އޭނާގެ ފަޔަށް ލިބިފައިވި އަނިޔާ އަކާއި އެކު ހުރެ ކުޅެމުން ދިއުމާއެކުއެވެ. ފޯޑެން މިދޭތެރެއިންވަނީ ކުޅުމާއި ދުރުގައި ވަގުތު ހޭދަކޮށް އަނިޔާއިން މުޅިން ރަނގަޅުވެފައެވެ.