ޚަބަރު

ޒިޔަދަމްގެ މަރު: ޝަނޫނަށް މަރުގެ ޢަދަބު، ސިފާމް ޢުމުރަށް ޖަލަށް


ލ.މުންޑޫ ނޫވިލު، އަލީ ޒިޔަދަމް މަރާލިކަމަށް ސާބިތުވި އެރަށު ހީނާވިލާ، މުޙައްމަދު ޝަނޫން މަރަން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ޒިޔަދަމް މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ލ.މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫންގެ އިތުރުން އެރަށު ބީޗްވިލާ، އަލީ ސިފާމްގެ މައްޗަށެވެ. މިދެމީހުންގެ މައްޗަށްވެސް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުގެ ދަޢުވާއެވެ. މީގެ އިތުރުން ޝަނޫންގެ މައްޗަށް ބިރު ދެއްކުމާއި މާރާމާރީ ހިންގުމުގެ ދައުވާވެސް އުފުލިއެވެ.

ޝަނޫންގެ މައްޗަށް ޒިޔަދަމް މަރާލުމުގެ ކުށް ސާބިތުވިއިރު، ސިފާމްގެ މައްޗަށް ވަނީ ޒިޔަދަމް މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައެވެ. މި ދެމީހުގެންގެ މައްޗަށްވެސް ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމުގައި ޒިޔަދަމްގެ ވާރިސުން ވަނީ ގިސޯސް ހިފަން ބޭނުންވާކަމަށް ބުނެފައެވެ. އެގޮތުން ޒިޔަދަމްގެ ބައްޕަ ހިމެނޭހެން 9 ވާރިސުން ވަނީ މަރަށް މަރު ހިފަން ބޭނުންވާކަމަށް ޝަރީޢަތުގައި ބުނެފައެވެ.

މި މައްސަލާގައި ހުކުމް ކުރުމަށް ބޭއްވި ޝަރީޢަތުގައި، ޝަނޫން މަރަން ޙުކުމްކޮށްފައިވާއިރު، ސިފާމްގެ މައްޗަށް ޒިޔަދަމް މަރައިލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައި ވާތީ 25 އަހަރަށް ޖަލަށްލާން ވަނީ ޙުކުމްކޮށްފައެވެ.

ޒިޔަދަމްގެ މަރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދަޢުލަތުން ވަނީ މާރާމާރި ހިންގިއިރު، އެކަން ހުއްޓުވުމުގެ އިޚްތިޔާރު ސިފާމަށް ލިބުނުކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޒިޔަދަމަށް ހަމަލާދިނުމަށް ސިފާމް އިތުރަށް މަގުފަހިކޮށްދީފައިވާކަމަށާއި، އެހެންކަމުން އެކަމުގައިސ ިފާމް ބައިވެރިވެފައިވަނީ އެންމެ މަތީ ދަރަޖައަށްކަމަށް ދަޢުލަތުން ވިދާޅުވެފައިވެއެވެ.

2015 ވަނަ އަހަރު މާޗް މަހުގެ 20 ވަނަ ދުވަހުގެރޭ ޒިޔަދަމް މަރާލަފައި އޮއްވާ ފެނުނީ އެރަށު ވަގުތީހިޔާގޭ ބަދިގެތެރޭގައި އޮއްވައެވެ. ދައުލަތުން ކޯޓަށް ހުށަހެޅި މައްސަލާގައި ޒިޔަދަމް މަރާލާފައިވަނީ މަސްކަނޑާ ވަޅިއަކުން ބުރަކައްޓަށާއި، ފަލަމަސްގަނޑަށް ދިން ހަމަލާގެ ސަބަބުންކަމަށް ވަނީ ބުނެފައެވެ. މިމާރާމާރީގައި މަރުވި ޒިޔަދަމްއާއި، އޭނާ މަރާލި ކަމަށް ކުށްސާބިތުވި ޝަނޫންއާއި، ސިފާމްއަކީވެސް އެކީގައި އުޅުނު ތިން ރަށްޓެހިންކަމަށާއި ޒިޔަދަމް މަރާލި ރޭ ސިފާމްގެ ކޮއްކޮއާއި ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާފައިވާކަމަށް ދައުލަތުން ބުނެފައިވެއެވެ.