ކުޅިވަރު

މެލޭޝިއާ އަތުން ބަދަލުހިފައި ރާއްޖެ ފައިނަލަށް


ރާއްޖޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަން ސެމީ ފައިނަލުގައި މެލޭޝިއާ ބަލިކޮށް ރާއްޖެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ނުކުތީ މެލޭޝިއާ އާއި ދެކޮޅަށެވެ. އެ މެޗު މެލޭޝިއާއިން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. އެކަމަކު އާދީއްތަ ދުވަހު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގައި ރާއްޖެއިން ވަނީ ތަފާތު ހިތްވަރެއް ދައްކައި މެލޭޝިއާ އަތުން 3-2 ސެޓުން މޮޅުވެ ފައިނަލަށް ދަތުރުކޮށްފައެވެ.

މި މެޗުގެ ސެޓުތައް ދިޔައީ، 25-23, 17-25, 25-23, 21-25 އަދި 15-09 އިންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖެއިން ރަނގަޅަށް ފެށި ނަމަވެސް މެލޭޝިއާއިން ވަނީ މަޑުމަޑުން ގޭމުގެ ތެރެއަށްވަދެ ކުޅުން ރަނގަޅުކޮށްފައެވެ. އެކަމަކު މި މެޗުގެ މުހިންމު ވަގުތުތަކުގައި ރާއްޖެއިން ވަނީ ތަފާތު ހިތްވަރެއް ދައްކައި ސްކޯކޮށްފައެވެ. އެގޮތުން މި ސެޓުގައި ކެޕްޓަން ހައްވާ ރާޝިދާ އާއި، ސެޓަރު ޖޫޒާން ޒަރީރާއި، އައިޝަތު މާޖިދާގެ އިތުރުން ޒުވާން ކުޅުންތެރިޔާ ޝަހާ ޝާމިންގެ ކުޅުން ފާހަގަކޮށްލެވެއެވެ. މި ސެޓު ރާއްޖެއިން ކާމިޔާބުކުރީ 25-23 އިންނެވެ.

މެޗުގެ ދެވަނަ ސެޓުގައި މެލޭޝިއާއިން ވަނީ ފަސް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ސެޓުގެ ކުރީކޮޅު މެލޭޝިއާއިން ނެގި ލީޑާއެކު ރާއްޖެއިން ބަދަލުތަކެއް ގެނަސް ޓައިމް އައުޓް ނެގި ނަމަވެސް މި ސެޓު މެލޭޝިއާއިން ވަނީ 25-17 އިން ކާމިޔާބުކޮށްފައެވެ.

މެޗުގެ ތިންވަނަ ސެޓުގެ ކުރީކޮޅުވެސް ރާއްޖެ ޓީމުގެ ފަރާތުން ރިސީވްތައް ދައްވިތަން ފެނުނެވެ. އެއާއެކު މެލޭޝިއާއިން ވަނީ ފަސް ޕޮއިންޓްގެ ލީޑެއްވެސް ނަގައިފައެވެ. އެކަމަކު ސެޓުގެ މެދު ތެރެއިން ރާއްޖޭގެ ޝަހާ ޝާމިން އާއި، ހައްވަގެ އިތުރުން މާޖިދާގެ އެޓޭކުތަކާއެކު ރާއްޖެއިން ލީޑު ނެގިއެވެ. މި ސެޓު ރާއްޖެއިން ކާމިޔާބުކުރީ 25-23 އިންނެވެ.

މެޗުގެ ހަތަރުވަނަ ސެޓުގައި ދެ ޓީމުންވެސް ވަނީ ލީޑު ނަގައިގެން ކުޅެފައެވެ. އެކަމަކު ރާއްޖޭގެ ޓީމަށް ފަހު ވަގުތު ހެދުނު ގޯސްތަކުގެ ފައިދާ ނަގާ މެލޭޝިއާއިން ވަނީ 25-21 އިން މި ސެޓު ގެންގޮސްފައެވެ.

މެޗުގެ ފަހު ސެޓު ފަށައިގެން މެލޭޝިއާއިން ފޯކަސް ގެއްލުވާނުލާ ރަނގަޅު ލީޑެއް ނެގިއެވެ. އެކަމަކު ރާއްޖެއިން ވަނީ ޓައިމް އައުޓެއް ނަގާ ޓީމު ހަމައަކަށް އަޅުވާފައެވެ. އަދި ސެޓުގެ ފަހު ކޮޅު ރާއްޖެއިން ވަނީ ލީޑު ނަގައި މި ސެޓު 15-09 އިން ކާމިޔާބުކޮށްފައެވެ.

މި ނަތީޖާއާއެކު ފައިނަލްގައި ހޯމަ ދުވަހު ހަވީރު ރާއްޖެއިން ނުކުންނާނީ ލީގު ބުރުގެ އެއްވަނަ ހޯދި ސިންގަޕޫރާއި ދެކޮޅަށެވެ.