ހުކުރުދުވަހުގެރޭ މާފަންނުގައި ތޫނު އެއްޗަކުން ޙަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކުރި 20 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ޖަހައިދީފައިވާކަމަށެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.
މާފަންނުގައި ހުރި ފިހާރައެއްގެ ތެރޭގައި ޢުމުރުން 30 އަހަރުގެ ފިރިހެނަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ ހުކުރު ދުވަހުގައެވެ. އެމީހާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައިކަމަށް އައިޖީއެމްއެޗުން ވަނީ ވިދާޅުވެފައެވެ. އޭނާއަށް ލިބިފައިވާ ޒަޚަމްތަކުގެ ތަފްސީލު މިހާތަނަށް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ ތަޙުގީގުކުރަމުންދާކަމަށެވެ.