އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ "ދިރާގު ލާމު އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް" ގެ ގިނަ އިވެންޓުތަކެއް ނިމިއްޖެއެވެ.
ލ. ގަމުގައި ކުރިޔަށްދާ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފޯރީގައި ކުރިޔަށްދާއިރު، މި މުބާރާތުގައި އަތޮޅުގެ 13 ސްކޫލަކުން 431 އެތްލީޓުން ވާދަކުރެއެވެ. މުބާރާތް ކުރިޔަށްދަނީ ތިން އުމުރުފުރައަކަށް ބަހާލައިގެންނެވެ އެއީ 13 އަހަރުންދަށުގެ އަންހެން އަދި ފިރިހެން، 15 އަހަރުންދަށުގެ އަންހެން އަދި ފިިރިހެން، 17 އަހަރުންދަށުގެ އަންހެން އަދި ފިރިހެން ކެޓަގަރީއެވެ.
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި މި މުބާރާތް ފައްޓަވާދެއްވީ ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީ އެވެ. މީގެއިތުރުން އަތޮޅު ކައުންސިލުގެ އިސްވެރިންނާއި ސްކޫލުތަކުގެ އިސްވެރިންވެސް ބައިވެރިވިއެވެ.
މި މުބާރާތުގެ ސެޝަންތައް ކުރިޔަށްދަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހެނދުނުގެ ސެޝަން ކުރިޔަށްދަނީ ހެނދުނު 7 އިން 10 ޖަހަންދެނެވެ. އަދި ހަވީރުގެ ސެޝަން ކުރިޔަށްދާނީ މެންދުރުފަހު 3 އިން 6 ގެ ނިޔަލަށެވެ.
މުބާރާތުގައި މާދަމާ ކުރިޔަށްދާނީ ފައިނަލް މެޗުތަކެވެ. އަދި އެއަށްފަހު ކުރިޔަށްދާނީ އިނާމުދިނުމުގެ ރަސްމިއްޔާތެވެ.