ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ ގުޅިގެން ކުރިއަށް ދިޔުމަށް އެމްޑީއޭ އިން ނިންމި ނިންމުމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު ނުނެރުމަށް ނިންމައި، އެމްޑީއޭއިން ވަނީ ކޯލިޝަނެއްގެ ތެރެއިން އިންތިޚާބުގައި މަސައްކަތް ކުރުމަށް ނިންމާފައެވެ. މިއާއެކު އެޕާޓީން ވަނީ ކޯލިޝަން ހެދުމަށް ޝައުގުވެރިކަން ފާޅު ކުރެއްވި ޕާޓީތަކާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. މަޝްވަރާތަކަށް ފަހު އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ތަނަވަސް އަޣުލަބިއްޔަތުން ވަނީ ރައީސް ޞާލިހާއެކު ކުރިއަށްދާން ފާސްވެފައެވެ. ރައީސް ޞާލިހާއެކު ކުރިއަށްދާން ފާސްވީ ވޯޓުގައި ބައިވެރިވި 36 މެމްބަރުންގެ ތެރެއިން 34 މެމްބަރުންގެ ވޯޓުންނެވެ. އެމްޑީޕީއާއެކު ކޯލިޝަން ހެދުމާއި ދެކޮޅަށް ވޯޓު ދެއްވީ 2 މެމްބަރުންނެވެ.
އެމްޑީއޭއިން ހާމަކުރި ގޮތުގައި ދިވެހި ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ދިވެހިރާއްޖޭގެ ސިޔާސީ ހަމަޖެހުން ގާއިމްކުރުމަށްޓަކައި އެމްޑީއޭގެ ކައުންސިލް މީޓިން އިން މިއަދު ނިންމާފައިވަނީ ރައީސް ޞާލިހަށް އިތުރު ދައުރެއް ދިނުމަށް މަސައްކަތް ކޮށްދިނުމަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ ގުޅިގެން ކުރިއަށް ދިޔުމަށް އެމްޑީއޭ އިން ނިންމި ނިންމުމަށް މަރުޙަބާ އަދި ޝުކުރު ދަންނަވަން. އަޅުގަނޑުމެން މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ހަމަޖެހުމާ ތަރައްޤީއާ ކުރިއެރުމަށް އަޅުގަނޑުމެން ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިޔުމަށް. https://t.co/8xnP0WKkyk
— Ibrahim Mohamed Solih (@ibusolih) February 24, 2023
މިނިންމުމާއި ގުޅިގެން މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓްގައި ވަނީ ދިވެހިރާއްޖޭގެ ހަމަޖެހުމާ ތަރައްޤީއާ ކުރިއެރުމަށް ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެމްޑީއޭގެ މިނިންމުމާއި ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލްވެސް ވަނީ މަރުހަބާ ދަންނަވާފައެވެ. ފައްޔާޟް ކުރެއްވި ޓްވީޓެއްގައިވަނީ އެމްޑީއޭގެ މި ނިންމުމަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު 2023 ކާމިޔާބު ކުރުމަށް ލިބިގެންދާ އިތުރު ހިތްވަރެއް ކަމަށެވެ.
އެމްޑީއޭއިން، ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހާއެކު ކުރިއަށްދާން ނިންމާފައިވާއިރު، އަދާލަތު ޕާޓީންވެސް ވަނީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ.
ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ސިޔާމް ނިންމެވިއިރު، ދާދިފަހުން ސިޔާމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އެޕާޓީން ވަނީ، ކޯލިޝަން ހެދުމުގެ ބާރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެއްވާފައެވެ. އަދި ރައީސް ވަނީ ކޯލިޝަން ހެދުމުގެ ދަޢުވަތު ބައެއް ސިޔާސީ ޕާޓީތަކަށް ދެއްވާފައެވެ.
އެމްޑީއޭއަކީ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް އިސްވެ ހުންނަވާ 2012 ވަނަ އަހަރު އުފައްދާފައިވާ ޕާޓީއެކެވެ.