ޚަބަރު

ރާއްޖެއާއި ޔޫއޭއީގެ އަސްކަރީ ގުޅުން ވަރުގަދަކުރަން މަޝްވަރާކޮށްފި


އަސްކަރީ ދާއިރާއިން ރާއްޖެއާއި ޔޫއޭއީއާއި ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައް ކުރިއަށްގޮސްފައިވަނީ މިހާރު އަބޫދާބީގައި ކުރިއަށްދާ އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން 2023ގެ ތެރެއިން ޔޫއޭއީގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އިންޖިނިއަރ ޢީސާ ސައިފް ބިން އަބްލަން އަލް މަޒްރޫއީ އާއި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިބައްދަލުކުރެއްވުމުގައި ދެފަރާތުންވެސް ވަނީ މިހާރު ކުރިޔަށްދާ ޑިފެންސް އެގްޒިބިޝަންތައް ފަދަ ބައްދަލުވުންތަކުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އެއީ އަސްކަރީ ދާއިރާއިން މުޅި ދުނިޔޭގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ކަމާއި ގުޅޭ ހުރިހާ ފަރާތެއް އެއްތަނަކަށް ޖަމާވެ އަމާންކަން ކަށަވަރުކުރުމުގައި ހުރި ހިރާސްތައް ދެނެގަނެ މަޝްވަރާކުރެވޭނެ ޕްލެޓްފޯމެއް މިއާއެކު ލިބިފައިވާކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ގޮތް ނިންމާ ފެންވަރުގެ ބޭފުޅުންނާއި އަސްކަރިއްޔާގެ އެކި ފަރާތްތަކުން ބައިވެރިވުމަކީ މިކަމުން ނަތީޖާ ނެރެވިދާނެކަމެއްކަން ޑިފެންސް މިނިސްޓަރ މާރިޔާއާއި ޔޫއޭއީގެ ޗީފް އޮފް ސްޓާފްވެސް ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ ޔޫއޭއީގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފްއާއި އެކު ކުރިއަށްދިޔައީ ކާމިޔާބު އަދި މުހިއްމު ބައްދަލުވުމެއްކަމަށެވެ. މިގޮތުން އަމާންކަމާއި ހަމަޖެހުން ޤާއިމުކުރުމަށް އަސްކަރީގޮތުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެވި މަޝްވަރާކުރެއްވުނުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން 2023ގައި ބައިވެރިވެވަޑައިގަތުމަށް ޔޫއޭއީއަށް ވަޑައިގަތީ މިމަހުގެ 20 ވަނަ ދުވަހުގައެވެ. މިއެގްޒިބިޝަންއަކީ މިމަހުގެ 20 އިން 24 ހުގެ ނިޔަލަށް ޔޫއޭއީގައި ކުރިއަށްދާ މިއެގްޒެބިޝަންގައި އެކި ޤައުމުތަކުގެ އަސްކަރިއްޔާއިންވަނީ ބައިވެރިވެފައެވެ. ރާއްޖޭއިން މި އެގްޒިބިޝަންގައި ބައިވެރިވުމަށް ޑިފެންސް މިނިސްޓަރއާއި އެކު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި ސިފައިންގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.