ކުޅިވަރު

ނިއުރޭޑިއަންޓް ލީގުގައި ރަނގަޅުވާނެ- ސްޓޮއިކޮފް


މިއަދުގެ މެޗުގައި ނިއުރޭޑިއަންޓުން ދެއްކި ކުޅުމަށް
ބަލާއިރު ރާއްޖޭގެ މުބާރާތްތަކުގައި ނިއުރޭޑިއަންޓަށް ރަނގަޅު ކުޅުމެއް
ދެއްކިދާނެކަމަށް ޤަބޫލްކުރާކަމަށް ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބުގެ ކޯޗް ސްޓޮއިކޮފް ބުނެފި އެވެ.



ސިންގަޕޫރުގެ ބަލެސްޓިއާ ޚަލްސާ އެފްސީއާ 2 - 2 ކުން އެއްވަރުވި
މެޗަށްފަހު ސްޓޮއިކޮފް ބުނީ އޭނާގެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކިކަމަށެވެ. އަދި
ރާއްޖޭގެ ފެންވަރަށް ވުރެ ރަނގަޅު ޓީމެއް ކައިރީ ނިއުރޭޑިއަންޓުގައި ތިބި ތަޖުރިބާ
މަދު ކުޅުންތެރިންވެސް ވަރަށް މޮޅު ކުޅުމެއް ދެއްކިކަމަށް މިދިޔަ ސީޒަނުގައި
މަހިބަދޫއަށް ކޯޗްކޮށްދިން ސްޓޮއިކޮފް ބުންޏެވެ.



މިއަދުގެ މެޗުގައި ބަލެސްޓިއާ ޚަލްސާއަށް މާ ގިނަ
ފުރުސަތުތަކެއް ނުލިބުނުނަމަވެސް ގޯލަކަށް ބަދަލުކޮށްލެވޭނެ ހުސް ފުރުޞަތުތަކެއް އެ
ޓީމަށް ލިބުނެވެ. ހަމަ އެގޮތަށް ނިއުރޭޑިއަންޓަށްވެސް ގޯލް ޖެހުމަށް ހުސް ފުރުސަތުތަކެއް
ވަނީ ލިބި ބޭކާރުވެފައެވެ. ސްޓޮއިކޮފް ބުނީ މެޗުން ނިކުތް ނަތީޖާއަކީ އެންމެ ހަމަހަމަ
ނަތީޖާކަމަށެވެ. އަދި ވަރުގަދަ ޓީމެއް ކައިރީ ނިއުރޭޑިއަންޓުގެ
ހުރިހާ ޑިޕާޓްމެންޓަކުންވެސް ރަނގަޅު ކުޅުމެއް ދެއްކިކަމަށް ސްޓޮއިކޮފް
ގަބޫލްކުރެ އެވެ.

"އަހަރުމެން ކުޅުނީ ވަރަށް ވަރުގަދަ ޓީމަކާ ދެކޮޅަށް. އަހަރުމެންނަށް ވަރަށް ރަނގަޅު ޗާންސްތަކެއްވެސް ލިބުނު. އެކަމަކު މީ ފުޓްބޯޅަޔަކީ" ބަލްގޭރިއާގެ ކޯޗް ބުންޏެވެ.



ބަލެސްޓިއާގެ ކޯޗް މާކޯ ކްރަލްޔެވިޗް ބުނީ ފަހު
ވަގުތު ދެ ޕޮއިންޓް ގެއްލުމުން ވަރަށް ދެރަވިކަމަށެވެ. މެޗުން ޕޮއިންޓެއް
ލިބުނުނަމަވެސް މި ނަތިޖާއަކީ ދެ ޓީމުން ދެއްކި ކުޅުމާ ބަލާއިރު ރަނގަޅު
ނަތީޖާއެއްކަމަށް ކްރަލްޔެވިޗް ބުންޏެވެ. ކޮރޭޝިޔާގެ ކޯޗް ބުނީ މީ ވަރަށް އުނދަގޫ
މެޗެއްކަމަށެވެ. ކްރަލްޔެވިޗް ބުނީ މި މެޗަށް ބަލާފައި ސިންގަޕޫރުގައި
ނިއުރޭޑިއަންޓާއި ދެކޮޅަށް ކުޅޭ މެޗާ މެދު އެއްޗެއް ބުނަން ނޭނގޭނެކަމަށެވެ. އަދި އެ
މެޗް މުޅިން ތަފާތު މެޗަކަށް ވެގެން ހިނަގައިދާނެކަމަށްވެސް
އޭނާ ބުންޏެވެ.

"އަހަރުމެންގެ ހޯމް މެޗް ކުޅެން ވަރަށް ދުވަސް އެބައޮތް. އެހާއިރަށް ވަރަށް ގިނަ ކަންތައްތަކެއް ބަދަލުވެދާނެ. މުޅިން ތަފާތު ގޮތަކަށްވެސް މެޗް ގޮސްދާނެ" ކްރަލްޔެވިޗް ބުންޏެވެ.