ޚަބަރު

އުތުރު ކޮރެޔާއިން ކުރު ރާސްތާގެ މިސައިލްތަކެއްގެ އަޖުމަބަލައިފި


އުތުރު ކޮރެޔާއިން ކުރު ރާސްތާގެ ދެ މިސައިލެއްގެ އަޖުމަބަލައި، ޕެސިފިކް ކަނޑަކީ އެ ޤައުމުގެ ހަތިޔާރު ޓެސްޓުތައް ހަދާ މައިދާނަކަށް ހަދާނެ ކަމުގެ އިންޒާރު ދީފިއެވެ. މިއީ، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެ ޤައުމުން މިސައިލް ޓެސްޓުތަކެއް ހަދާފައިވާ ދެވަނަ ފަހަރެވެ. ފެބްރުވަރީ 18 ވަނަ ދުވަހު ވެސް އުތުރު ކޮރެޔާއިން ވަނީ ދުރު ރާސްތާގެ މިސައިލެއް ޓެސްޓުކޮށްފައެވެ.

އެ ފަހަރު ޓެސްޓުކޮށްފައި ވަނީ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައި.ސީ.ބީ.އެމް)އެކެވެ. އެއީ، އެހެން ބައްރެއްގައި އޮންނަ ޤައުމަކަށް ހަމަލާދިނުމަށް ބޭނުން ކުރެވޭނެ ދުރު ރާސްތާ މިސައިލެކެވެ. 900 ކިލޯމީޓަރު ދުރަށް ދަތުރުކުރުމަށް ފަހު އެ މިސައިލް ވެއްޓިފައި ވަނީ ޖަޕާނުގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދަށެވެ. ޖަޕާނުން ބުނީ މިސައިލް ވެއްޓިފައި ވަނީ އެ ޤައުމުގެ އުތުރުގައިވާ ހޮކައިޑޫގެ ރަށެއް ކަމުގައިވާ އޮކިނާވާއާ ހުޅަނގުން 200 ކިލޯމީޓަރު ދުރަށް ކަމުގައެވެ.

އުތުރު ކޮރެޔާއިން އައި.ސީ.ބީ.އެމް.އެއް ޓެސްޓުކުރުމާ ގުޅިގެން ދެކުނު ކޮރެޔާއާއި އެމެރިކާއިން ގުޅިގެން އެ ކަމަށް ރައްދު ދިނުމުގެ ގޮތުން ވައިގެ މަގުން އަސްކަރީ ތަމްރީނުތަކެއް ބޭއްވިއެވެ. މި ތަމްރީނުތަކުގައި ބޮންއަޅާ މަތިންދާބޯޓުތަކާއި، އަދި "ސްޓެލްތް" ނުވަތަ ރާޑަރުތަކަށް ފިލައިގެން ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށްފައިވެއެވެ.

އައި.ސީ.ބީ.އެމް.އަށް ފަހު އުތުރު ކޮރެޔާއިން އަޖުމަބަލާފައިވާ ކުރު ރާސްތާގެ ދެ މިސައިލް އުދުއްސައިލާފައި ވަނީ އެ ޤައުމުގެ ދެކުނު ޕްޔޮންގާން ޕުރޮވިންސުގެ ރަށެއް ކަމުގައިވާ ސުކްޗޮންއިންނެވެ. މިސައިލްތައް އުދުއްސައިލުމާ އެކު ޖަޕާނުން ވަނީ އެ ޤައުމުގެ ކޯސްޓްގާޑު ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. އަދި، ޖަޕާން ކައިރިއަށް މިސައިލް ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޒާރު ކޮށްފައެވެ.

އުތުރު ކޮރެޔާއިން ބުނީ، އަޖުމަބަލާފައި ވަނީ 600 މިލިމީޓަރުގެ ރޮކެޓް ލޯންޗަރއެއް ބޭނުންކޮށްގެން ކަމަށާއި، އެ މިސައިލްތައް އަމާޒުކޮށްފައި ވަނީ އެ ޤައުމުގެ އިރުމަތީ ކަނޑުގެ ސަރަޙައްދަށް ކަމުގައެވެ. އުތުރު ކޮރެޔާއިން އެ ޤައުމުގެ އިރުމަތީ ކަނޑުގެ ގޮތުގައި ދެކޭ ސަރަޙައްދަކީ ޖަޕާން ކަނޑުގެ ނަންދީފައިވާ ސަރަޙައްދެވެ.

އުތުރު ކޮރެޔާގެ މިސައިލް ޓެސްޓުތަކާ ގުޅިގެން އެ ޤައުމުގެ ޒައީމް ކިމް ޖޮންގް އުންގެ އަންހެން ކޮއްކޮ ކިމް ޔޯ ޖޮންގް ވަނީ ޕެސިފިކް ކަނޑަކީ އެ ޤައުމުގެ ހަތިޔާރު ޓެސްޓުތައް ހަދާ މައިދާނަކަށް ހަދާނެ ކަމަށް ބުނެ، އެ ސަރަޙައްދުގެ ޤައުމުތަކަށް އިންޒާރުދީފައެވެ. ކިމް ޔޯ ޖޮންގްއަކީ އުތުރު ކޮރެޔާގައި ވަރަށް ނުފޫޒާއި ބާރުގަދަ މީހެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.

އޭނާ ބުނީ، އެމެރިކާގެ އަސްކަރިއްޔާގެ އަމަލުތަކަށް ބެލުމަށް ފަހު، ޕެސިފިކް ކަނޑުގެ ސަރަޙައްދުގައި ގިނަ ޢަދަދެއްގެ މިސައިލް ޓެސްޓުތައް ހެދުމާ މެދު އުތުރު ކޮރެޔާއިން ވިސްނާނެ ކަމުގައެވެ. ފެބްރުވަރީ 18 ވަނަ ދުވަހު ހަދާފައިވާ އައި.ސީ.ބީ.އެމް. ޓެސްޓަކީ ކުއްލި ހާލަތުގައި ހަމަލާއެއް ދިނުމަށް ތައްޔާރުވުމުގެ ގޮތުން ހަދާފައިވާ އަސްކަރީ ތަމްރީނުތަކެއް ކަމުގައި އުތުރު ކޮރެޔާއިން ބުނެއެވެ. އަދި، އުތުރު ކޮރެޔާގެ އަސްކަރިއްޔާ އެ ޓެސްޓުތަކުން ފާސްވެފައިވާ ކަމުގައި ވެސް އެ ޤައުމުން ބުނެއެވެ.

ނަމަވެސް، މިސައިލް އުދުއްސައިލާފައި ވަނީ އެ ކަމަށް އޯޑަރު ދިންތާ ނުވަ ގަޑިއިރު ފަހުން ކަން ފާހަގަކޮށްލަން ޖެހެއެވެ. މި ކަމަށް ހުޅަނގާއި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވުމުން ކިމް ޔޯ ޖޮންގް ވަނީ އެ ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ. ވިދާޅުވީ، އެ ފަދަ ފާޑުކިޔުންތަކުގެ ބޭނުމަކީ އުތުރު ކޮރެޔާގެ އަސްކަރިއްޔާގެ ފުރައްސާކުރުން ކަމަށް ދެކޭ ކަމުގައެވެ.

އުތުރު ކޮރެޔާއިން އައި.ސީ.ބީ.އެމް. ޓެސްޓެއް ހެދުމާ ގުޅިގެން ޖަޕާނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، އެއީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސުލްޙަމަސަލަސްކަން ނަގައިލަން ހިންގާފައިވާ އަމަލެއްގެ ގޮތުގައި ދެކޭ ކަމުގައި ޖަޕާނުން ބުންޏެވެ.