ޚަބަރު

ޑިމޮކްރަސީ ކުރިއެރުވުމަށް އދ.އާ ގުޅިގެން މަސައްކަތް ކުރައްވާނެ


ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކައި ކުރިޔަށް އޮތްތަނުގައިވެސް އދ އާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގައި ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެއްޖެ. ދިވެހި ޚާރިޖިއްޔާއިން މިހެން ވިދާޅުވީ އދ.ގެ އެސިސްޓަންޓް ސެކެޓްރީ ޖެނެރަލް މިރޮސްލޮވް ޔެނެޗް ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު ނެރުއްވި ބަޔާނަށް މަރްޙަބާ ވިދާޅުވަމުންނެވެ.މިރޮސްލޮވް ޔެނެޗް ނެރުއްވި ބަޔާނުގައި އދ. ގެ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަ ކުރައްވާފައިވެއެވެ. އަދި އދ.ން ކަނޑައެޅި ދެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ތިމާވެއްޓާބެހޭ މުއާހަދާތައް ފަދަ މުހިންމު ކަންކަމަށް ރާއްޖޭން ފުރިހަމަޔަށް ޢަމަލުކޮށްފައިވާކަން ފާހަގަ ކުރައްވާފައިވެއެވެ. މިރޮސްލޮވް ޔެނެޗްގެ ދަތުރުފުޅަކީ އިދިކޮޅު ސިޔާސީ ފަރާތްތަކާއެކު ސަރުކާރުން ފަށްޓަވާ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް އެހީތެރިވެދިނުމަށް އދ ގެ ކިބައިން ރައީސް ޔާމީން މިދިޔަ އަހަރު އެދިވަޑައިގެންނެވުމާއި ގުޅިގެން ހަމަޖެހުނު ދަތުރުފުޅެއްކަން އެބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ.މިދަތުރުފުޅުގައި ރާއީސް ޔާމީންއާ ސަރުކާރުގެ އިސްބައެއް ބޭފުޅުންގެ އިތުރުން ބޮޑެތި ޕާޓީތަކުގެ އިސް މަންދޫބުންނާ ބައްދަލުކުރައްވާފައިވެއެވެ. އދ. އަކީ ހުރިހާ ފަރާތްތަކުންވެސް އިތުބާރުކުރާ ފަރާތެއްކަން މި ބައްދަލުވުންތަކުގައި ފާހަގަ ކުރެއްވިފައިވާ ކަމަށާއި، ވާހަކަތައް މެދުނުކެޑި ކުރިޔަށް ގެންދިއުމުގެ މުހިންމުކަން ބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ. މީގެ އިތުރުން ޝަރުއީ ނިޒާމަށް އިޞްލާޙީ ހެޔޮ ބަދަލުތައް ގެނައުމާއި މިނިވަން މުއައްސަސާތަކުގެ ދައުރު ހަރުދަނާ ކުރުންފަދަ ކަންކަމުގެ ތެރެއިން އިތުބާރު ޤާއިމްކުރުން ވަރަށް މުހިންމު ކަމަށްވެސް ވިދާޅުވެފައިވެއެވެ.މިދަތުރުފުޅުގައި ޚާރިޖީ ވަޒީރު ދުންޔާ މައުމޫންއާއެކު މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި ސަރަހައްދީ އެއްބާރުލުމާއި، އިންސާނީ ހައްޤުތަކާބެހޭ ސަމިޓަށް ތައްޔާރުވުމާއި ހިޖްރަ ކުރުމާއި ރެފިއުޖީންގެ މައްސަލައިގެ އިތުރުން ޓެރަރިޒަމްގެ މައްސަލަ ހިމެނޭކަން ބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ.