ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖް: ގއ. އަތޮޅުގެ ފައިނަލަށް ނިލަންދޫ އާއި މާމެންދޫ


ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ގއ. އަތޮޅުގެ ސެމީ ފައިނަލް މެޗުތަކުން މޮޅުވެ، ނިލަންދޫ އާއި މާމެންދޫ އަތޮޅު ފައިނަލަށް ދަތުރުކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ގއ. އަތޮޅުގެ ސެމީ ފައިނަލް މެޗުތައް ކުޅުނުއިރު، ސެމީ ފައިނަލްގައި ނިލަންދޫއިން އެ އަތޮޅު ދެއްވަދޫގެ މައްޗަށް ކުރިހޯދީ ޕެނަލްޓީގައި 6-5 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ދެއްވަދޫއިންނެވެ. އެކަމަކު މެޗުގެ ވަކި ހިސާބަކުން ނިލަންދޫއިން ވަނީ ތިން ލަނޑު ޖަހާ ލީޑު ނަގައިފައެވެ. އެކަމަކު އެ ޓީމުގެ ފަސް ފައުލް ދެވަނަ ހާފުގައި ހަމަވުމުން އިތުރަށް ކުރި ދެ ފައުލުން ދިން ދުރު ޕެނަލްޓީގެ އެހީގައި ދެއްވަދޫން ވަނީ ފުރިހަމަ ވަގުތުގެ ކުރިން ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ބުރާސްފަތި ދުވަހު ކުޅުނު އެ އަތޮޅުގެ ދެވަނަ ސެމީގައި މާމެންދޫއިން ކަނޑުހުޅުދޫގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މާމެންދޫން ޖެހި ދެ ލަނޑަކީވެސް ފުރަތަމަ ހާފު ކާމިޔާބުކުރި ދެ ލަނޑެވެ. މާމެންދޫއަކީ ގއ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.

ގއ. އަތޮޅުގެ ސެމީ ފައިނަލް މެޗުތަކުގެ އިތުރުން ރޭ ވަނީ ތ. އަތޮޅު އަދި ގދ. އަތޮޅު މެޗުތައް ވެސް ކުޅެފައެވެ. އެގޮތުން އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށިން ވަނީ މޮޅަކާއެކު ގްރޫޕްގެ މެޗު ނިންމާލާފައެވެ. އެ އަތޮޅު ކިނބިދޫގެ މައްޗަށް ތިމަރަފުށިން ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.

ށ. އަތޮޅު ޅައިމަގު އަދި ފޯކައިދޫ ބައްދަލުކުރި މެޗު ފޯކައިދޫން ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ. އަދި އެ އަތޮޅު ބިލަތްފަހިން މަރޮށީގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރިހޯދިއިރު، މިލަންދޫ އާއި ކަނޑިތީމުގެ ކުރިމަތިލުން ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ރޭ ކުޅުނު ގދ. އަތޮޅުގެ މެޗުތަކަށް ބަލާއިރު، ވާދޫން ވަނީ ހޯނޑެއްދޫގެ މައްޗަށް 6-1 ގެ ނަތީޖާއަކުން ކުރިހޯދައިފައެވެ. އަދި ތިނަދޫ އާއި މަޑަވެލި ބައްދަލުކުރި މެޗު ނިމުނީ 4-4 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭވެސް އަށް މެޗެއް ކުޅެވޭނެއެވެ. އެގޮތުން މިރޭ ކުޅެވިގެންދާނީ ހއ.، ހދ، އދ، އަދި މ އަތޮޅުގެ މެޗުތަކެވެ. މީގެ އިތުރުން މިއަދު ހަވީރުވެސް ހަތަރު މެޗެއް ކުޅޭނެއެވެ. އެއީ ލ އަދި ކ. އަތޮޅުގެ މެޗުތަކެވެ. މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ޖުމްލަ 102 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 19 ވަނަ ދުވަހެވެ.