ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ އާސިރު ފެނިއްޖެ


ގެއްލިގެން ހޯދަމުންދިޔަ ސ.މަރަދޫ، ގަސްކަރަ މުޙައްމަދު އާސިރު އިސްމާއިލް ފެނިއްޖެ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ.

ހޯމް މިނިސްޓަރ ކުރެއްވި ޓުވީޓެއްގައިވަނީ ގެއްލިގެން ހޯދަމުންދިޔަ އާސިރު ފުލުހުންނަށް ފެނިފައިވާ ކަމަށް ވިދާޅުވެ އޭނާ ހޯދުމަށް ފުލުހުން ކުރެއްވި ބުރަ މަސައްކަތަށް ޝުކުރުއަދާކުރައްވާފައެވެ.

އާސިރު ވީނުވީއެއް ނޭނގިގެން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. މައްސަލަ ރިޕޯޓް ކޮށްފައިވަނީ މިމަހުގެ 4 ވަނަ ދުވަހު 19:30 ހާއިރުން ފެށިގެން އޭނާގެ އެއްވެސް ޚަބަރެއް ނުވާކަމަށްބުނެއެވެ. އެއާއެކު އޭނާ ހޯދުމަށް ފުލުހުން ވަނީ އޭނާގެ ފޮޓޯވެސް އާއްމުކޮށްފައެވެ.

އާސިރު ހޯދުމުގެ މަސައްކަތް ކުރިއަށްދާގޮތުގެ ތަފްސީލް މީޑިއާއާއި ޙިއްސާކުރައްވަމުން ފުލުހުން ވިދާޅުވީ އޭނާ ދިރިއުޅޭ ގެ ހ. އަލްޝާވިލާ ސަރަހައްދު ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ފުލުހުންގެ ކެމެރާތަކާއި ވެލާނާ އިންޓަނޭޝަން އެއަރޕޯޓުގައި ހުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކެމެރާތަކާއި ޓީއެމްއޭގެ ކެމެރާތަކާއި އެއަރޕޯޓު ފެރީ ހުންނަ ސަރަހައްދުގެ ކެމެރާ ހިމެނޭހެން 150 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖު ބަލާފައިވާ ކަމަށެވެ. އެގޮތުން މާލެއާއި، އެއަރޕޯޓްގެ ފުޓޭޖްތަކުން އާސިރުގެ ހަރަކާތްތައް ފެންނަ ވީޑިއޯތަކެއް ހޯދާފައިވާ ކަމަށް ފުލުހުންވަނީ ހާމަކުރައްވާފައެވެ. ފުލުހުންގެ ތަހްޤީގު ޓިމުންވަނީ ވަނީ އޭނާ އެއަރޕޯޓަށް ދިޔަ ޓެކްސީގެ ޑްރައިވަރާވެސް ސުވާލުކޮށްފައެވެ.

އާސިރު ހޯދުމުގެ މަސައްކަތުގައި މާލޭގެ އިތުރު ސަރަޙައްދުތަކުގެ ސީސީޓީވީ ކެމެރާތަކާއި އެއަރޕޯޓްގެ އިތުރު ސަރަޙައްދުތަކުގެ ފުޓޭޖް ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަނިކޮށް އޭނާފެނިފައިވާކަން ހޯމް މިނިސްޓަރ ހާމަކުރެއްވި ނަމަވެސް އޭނާ ފެނުނީ ކޮންތާކުން ކަމެއް އަދި މިކަމާ ބެހޭ އިތުރު ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.