މާލޭ މަގުމަތީގައި ސަލާން ޖަހަން އުޅުނުކަމަށް ބުނާ ޖަޕާން އަންހެން މީހާ އިމިގްރޭޝަނާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މާލޭ މަގުމަތީގައި ސަލާންޖަހަން އުޅޭ ޖަޕާން އަންހެނެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ މަޢުލޫމާތު ފުލުހުންގެ ސަމާލުކަމަށް އައުމާއި ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށްފަހު އޭނާ މިއަދު އިމިގްރޭޝަނާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އޭނާ އިމިގްރޭޝަނާއި ހަވާލުކޮށްފައިވާއިރު، ދާދިފަހުން ސޯޝަލް މީޑިއާގައި ވަނީ އޭނާ މާލޭގެ މަގުމަތީގައި ސަލާން ޖަހަން އުޅޭކަމަށް ބުނާ ފޮޓޯއާއި ވީޑީއޯއާއެކު ދައުރުވެފައެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ އޭނާ ކާއެއްޗެއް ގަތުމަށް ފައިސާއެއް ދިނުމަށް އެދޭކަމަށް ބުނެފައެވެ. އަދި އެހެން ބައެއް ފަރާތްތަކުން ވަނީ އެ ބިދޭސީ މީހާ ދިވެއްސަކާ އިނދެގެން އުޅުނުކަމަށާއި، އޭނާގެ ފަރާތުން އެއްވެސް އެއްޗެއް ނުލިބޭކަމަށް ބުނެވެސް ބައެއް މީހުން ގާތު އެހީއަށް އެދޭކަމަށް ބުނެފައިވެއެވެ.