ކުޅިވަރު

ނިއުރޭޑިއަންޓްގެ ކެޕްޓަނަކަށް ހޮކޭ


މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ނިއުރޭޑިއަންޓްގެ ކެޕްޓަނަކަށް ތަޖުރިބާކާރު ޑިފެންޑަރ މުޙައްމަދު ރަޝީދު ( ހޮކޭ ) ހަމަޖައްސައިފިއެވެ. ވައިސްކެޕްޓަނުންނަށް ހަމަޖެއްސީ ރިލްވާން ވަހީދުއާއި، އަހުމަދު ނިޔާޒްއެވެ.މުޙައްމަދު ރަޝީދަކީ 6 އަހަރުގެ އެއްބަސްވުމެއްގައި ނިއުއާއެކު މިދިޔަ އަހަރު އެއްބަސްވުން އާކުރި ކުޅުންތެރިއެކެވެ. މިދިޔަ ތިން އަހަރުވެސް ނިއުގެ ދިފާއުގައި އޭނާ މުޙިއްމު ދައުރެއް އަދާކުރިއެވެ. ކްލަބްގައި ތިބި ކުޅުންތެރިންގެ ތެރެއިން މެދު ނުކެނޑި އެންމެ ގިނަދުވަސްވީ އެއް ކުޅުންތެރިއަކީވެސް މުޙައްމަދު ރަޝީދުއެވެ. އެންމެ ފަހުގެ ސާފް ސުޒުކީކަޕާއި ހަމައަށް އޭނާއަކީ ޤައުމީ ޓީމްގެ މުޙިންމު ކުޅުންތެރިއެކެވެ. ސަސްޕެންޝަންގެ ސަބަބުން އެމުބާރާތުން ފުރުޞަތު ގެއްލި، ޖެހިގެން އައި ބަންގް ބަންދް ގޯލްޑްކަޕުންވެސް ކޯޗު އޭނާއަށް ފުރުޞަތެއް ނުދެއެވެ.ވައިސްކެޕްޓަނުންނަށް ހަމަޖެއްސި ކުޅުންތެރިންގެ ތެރެއިން ރިލްވާން ވަހީދަކީވެސް ސާފް ސުޒުކީކަޕާއި ހަމައަށް ޤައުމީ ޓީމްގެ މުޙިންމު ކުޅުންތެރިއެކެވެ. އޭގެފަހުން އޭނާއަށް ފުރުޞަތު ނުދޭތީ ބައެއް ފަރާތްތަކުން ވަނީ ސުވާލުވެސް އުފައްދާފައެވެ. މިދިޔަ ތިން އަހަރު ނިއުރޭޑިއަންޓް ހޯދި ކާމިޔާބީތަކުގައި ރިލްވާން ވަހީދު މުޙިންމު ދައުރެއް އަދާކުރިއެވެ. މިދިޔަ ހަތަރު އަހަރުގެ ތެރެއިން ނިއުރޭޑިއަންޓް ނޫން ކްލަބެއްގައި އަހުމަދު ނިޔާޒް ހޭދަކުރީ މިދިޔަ ސީޒަންގެ ފަހުބައެވެ. މިދިޔަ ސީޒަންގެ މެދުތެރެއިން ނިއު ދޫކޮށް ވިކްޓްރީއަށް ދިޔައީ ރިލީޒް ހޯދައިގެންނެވެ. ނަމަވެސް މިއަހަރު އޭނާ ވަނީ އަލުން ނިއުއަށް ބަދަލުވެފައެވެ. ނިއުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީވެސް އޭނާއެވެ.މުޙަންމަދު ރަޝީދުގެ ކެޕްޓަންކަމުގެ ދަށުން ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗަކަށް ވާނީ މާދަމާ ކުޅޭ އޭއެފްސީކަޕް މެޗެވެ. އޭއެފްސީކަޕަށް ތައްޔާރުވާން ނިއުރޭޑިއަންޓް ކުޅުނު ޕްރެކްޓިސް މެޗުތަކުގައިވެސް ކެޕްޓަން ބޭންޑް އެޅީ މުޙައްމަދު ރަޝީދުއެވެ.