ޚަބަރު

ދެކުނު އެފްރިކާގައި ފެންބޮޑުވެ 12 މީހުން މަރުވެއްޖެ


ދެކުނު އެފްރިކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން 12 މީހުން މަރުވެއްޖެއެވެ. ފެންބޮޑުވުމާ ގުޅިގެން އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގައި މިހާރު ވަނީ ކުއްލި ހާލަތު އިޢުލާނުކޮށްފައެވެ. އެ ޤައުމުގެ އިރުމައްޗާއި، އުތުރުގެ އިތުރުން ދެކުނުގެ ސަރަޙައްދުތަކަށް ވެސް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ.

ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހު ވެސް، ދެކުނު އެފްރިކާގެ ގިނަ ސަރަޙައްދުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ. މި ވިއްސާރައިގައި، ޖަންގަލީގެ ސަރަޙައްދެއް ކަމުގައިވާ ކްރޫގަރ ނޭޝަނަލް ޕާކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނެއެވެ.

ފަތުރުވެރިންގެ މެދުގައި މަޤުބޫލު ކްރޫގަރ ނޭޝަނަލް ޕާކަކީ ގިނަ ޢަދަދެއްގެ ކޯރުތައް ދެމޭ، އެކި ވައްތަރުތަކުގެ ޖަނަވާރު ދިރިއުޅޭ ސަރަޙައްދެކެވެ. އެ ތަނުގައި ދިރިއުޅޭ ޖަނަވާރުތަކުގެ ތެރޭގައި ސިންގާ، ލެޕަޑް، ރައިނޯ، ބަފަލޯ އަދި އެތް ހިމެނެއެވެ. ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ތަނުގެ ކޯރުތައް ފުރިގެން ބަންޑުންވެފައިވާ ކަމުގައި އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނެއެވެ.

މި ވިއްސާރައިގައި އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ އެ ޤައުމުގެ އިރުއުތުރުގައި އޮންނަ އުމްޕޫމަލަންގާއަށެވެ. ފެންބޮޑުވުމާ ގުޅިގެން އެ ސަރަޙައްދުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ބަޔަކު ރައްކާތެރި ހިސާބުތަކަށް ވަނީ ބަދަލުކޮށްފައެވެ. އެ ސަރަޙައްދަށް އެންމެ ދުވަހެއްގެ ތެރޭގައި 200 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމުގައި މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

އުމްޕޫމަލަންގާގައި ކުއްލި ހާލަތު އިޢުލާނުކޮށްފައިވާއިރު، އެ ސަރަޙައްދުގައި ހާލުގައި ޖެހިފައިވާ އެތަކެއް ސަތޭކަ ބަޔަކަށް ވަގުތީ ހިޔާވަހިކަމާއި ކާބޯތަކެއްޗާއި އެހެނިހެން އެހީގެ ސާމާނު ފޯރުކޮށްދޭން އެ ޤައުމުގެ އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ސަރަޙައްދުގެ ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، މަގުތަކާއި ބުރިޖުތައް ވެސް ހަލާކުވެފައިވާ ކަމުގައި އިދާރާތަކުން ބުނެއެވެ.

ހުސްވި 2022 ވަނަ އަހަރު ވެސް ދެކުނު އެފްރިކާގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވެއެވެ. އެ އަހަރު، ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި 400 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި، ދެކުނު އެފްރިކާގެ ތިންވަނައަށް އެންމެ ބޮޑު ރަށް ކަމުގައިވާ ޑަރބަންގެ ބޮޑު ބައެއްގައި ފެންބޮޑުވިއެވެ.