ޚަބަރު

ކޯލިޝަން ހެދުމަށް މަޝްވަރާކުރުމުގެ ބާރު ރައީސަށް އެރުވުމާއި ގުޅޭގޮތުން ގޮތެއް ނިންމަނީ


ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ ބާރު އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ދިނުމާމެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ.

މިރޭ ބާއްވާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުން އޮންނަނީ 8:30 ގައި އިއްޒުއްދީން ސްކޫލުގައެވެ.

މިރޭ ބާއްވާ ޤައުމީ މަޖިލީހުގެ ބައްދަލުވުމަށް އެޖެންޑާކޮށްފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާއިރު، އެމްޑީޕީން އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ރިޔާސީ ކެނޑިޑޭޓަށް ބާރު ދިނުމާއިމެދު ގޮތެއް ނިންމުންކަމަށް އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ. ނަމަވެސް ކޯލިޝަން ހެދުމާއި މެދު މި ބައްދަލުވުމުގައި ގޮތެއް ނުނިންމާނެކަމަށް އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.

އެމްޑީޕީގެ އޮފިޝަލް ވިދާޅުވީ ކޯލިޝަން ހަދާނެ ޕާޓީތަކެއް ރިޔާސީ ކެނޑިޑޭޓަށް ހޯދިއްޖެނަމަ ކޯލިޝަން ހެދުމާއި ގުޅޭގޮތުން ގޮތެއް ނިންމާނީ ޤައުމީ މަޖިލީހުންކަމަށެވެ.

އެމްޑީޕީން ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން ގޮތެއް ނިންމަން ހަމަޖެހިފައިވާއިރު، 2018 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް ކޯލިޝަން ހެދުމަށް އެމްޑީޕީ ޤައުމީ މަޖިލީހުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެ ބާރު ދެއްވިއެވެ. އަދި އެފަހަރުގެ އިންތިޚާބު އެމަނިކުފާނު ކާމިޔާބުކުރެއްވީ ގިނަ ޕާޓީތައް ހިމެނޭހެން ކޯލިޝަނަކާއެކުއެވެ. އެއީ ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީއާއި، އެމްއާރުއެމްއެކު ހެދި ކޯލިޝަނަކެވެ.

މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށިފަހުން އެއްވެސް ސިޔާސީ ޕާޓީއަކަށް އެކަނި ވާދަކޮށްގެން %50އަށްވުރެ ގިނަ ވޯޓް ހޯދައިގެން ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުންފުޅަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައިވެސް ކޯލިޝަނަކާއެކު ވާދަކޮށް ވެރިކަމަށް ވަޑައިގަތުންކަމަށް މީޑިއާގައި މީގެކުރިން ދެއްކެވި ވާހަކަފުޅުތަކުގައި ވަނީ ހާމަކުރައްވާފައެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވިއިރުވެސް ރައީސް ސާލިހު ވިދާޅުވެފައިވަނީ އެމްޑީޕީއަށް އަނެއްކާވެސް ވެރިކަން ލިބޭނީ ކޯލިޝަން ހަދައިގެންކަމަށެވެ. އެހެންކަމުން ޕާޓީތަކާއި މަޝްވަރާކޮށްގެން ކޯލިޝަން ހެދުމަށް ތައްޔާރަށް ހުންނެވިކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.