ކުޅިވަރު

ވިމެންސް ޓީ20 ވޯލްޑް ކަޕް: ބަންގްލަދޭޝް ބަލިކޮށް އޮސްޓްރޭލިއާ ސެމީއާ ގާތަށް


އައިސީސީ ވިމެންސް ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ގްރޫޕް އެކެއްގައި ބަންގްލަދޭޝް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާ ސެމީ ފައިނަލާއި ގާތަށް ޖެހިލައިފިއެވެ.

މިމެޗް އޮސްޓްރޭލިއާ ކާމިޔާބުކުރީ އަށް ވިކެޓުންނެވެ.

މިމެޗްގައި ޓޮސް ދިމާވެގެން ބަންގްލަދޭޝްއިން ގަސްދު ކުރީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. މިގޮތުން ބަންގްލަދޭޝްއިން ކުޅެން އަރާ 20 އޯވަރުތެރޭ ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 107 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 57 ލަނޑު ހަދާދިން ކެޕްޓަން ނިގާރު ސުލްތާނާ ޖޮޓީއެވެ. މިއީނިންގްސްގައި އޮސްޓްރޭލިއާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 20 ލަނޑަށް ތިން ވިކެތް ނަގާދިން ޖޯޖިއާ ވެއަރހަމްއެވެ. އަދި ޑަރސީ ބްރައުން ވަނީ ހަތަރު އޯވަރު 23 ލަނޑަށް ދެ ވިކެޓް ނަގާދީފައެވެ.

ޖަވާބުގައި އޮސްޓްރޭލިއާއިން ކުޅެން އަރާ 18 އޯވަރު ދެބޯޅައަށް ދެ ކުޅުންތެރިން ނުބައިވެގެންވަނީ 111 ލަނޑު ހަދާ މެޗް ކާމިޔާބުކޮށްފައެވެ. އޮސްޓްރޭލިއާ ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 48 ލަނޑު ހަދާދިން ކެޕްޓަން މެގް ލެނިންގއެވެ. އަދި އެލީސާ ހީލީވަނީ 37 ލަނޑު ހަދާދީފައެވެ.

މިކާމިޔާބީއާއެކު އޮސްޓްރޭލިއާ މިވަނީ ކުޅުނު ދެމެޗްވެސް ކާމިޔާބުކޮށް ލިބިފައިވާ ހަތަރު ޕޮއިންޓާއެކު ގްރޫޕް ވަންގެ އެއްވަނައަށް އަރާފައެވެ. މިގްރޫޕްގައި ސްރީލަންކާވެސް ވަނީ ކުޅުނު ދެމެޗް ކާމިޔާބުކޮށް ހަތަރު ޕޮއިންޓް ހޯދާފައެވެ. ނަމަވެސް ރަން ރޭޓަށް ބަލާއިރު ކުރި ލިބެނީ އޮސްޓްރޭލިއާއެވެ. މިގްރޫޕްގައި ދެން ހިމެނެނީ ދެކުނު އެފްރިކާ އާއި ބަންގްލަދޭޝް އަދި ނިއުޒީލަންޑްއެވެ. ބަންގްލަދޭޝް މިވަނީ މިހާތަނަށް ކުޅުނު ދެމެޗުންވެސް ބަލިވެފައެވެ.