ޚަބަރު

ޖެނުއަރީ މަހު ޑެންގީ ހުމާއި އަރިދަފުސް ރޯގާ ޖެހުނު މީހުން އިތުރު


މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީ ހުމާއި، އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކުރި މީހުންގެ ޢަދަދު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ޑެންގީ ހުންޖެހިގެން 195 ކޭސްވަނީ ރިޕޯޓްކޮށްފައެވެ.

މާލެއާއި އަތޮޅުތެރޭގައި ހުމާއި ރޯގާ ފެތުރެމުންދިޔުމާ ގުޅިގެން މިފަދަ ބަލިތަކުގެ މަޢުލޫމާތު ޢާއްމުންނަށް އަންގައިދީ ބަލިން ރައްކާތެރިވުމަށް ސަމާލުކަންދޭންވީ ކަންކަން ހާމަކޮށް ބަލިތަކުގެ ހާލަތު އެޗްޕީއޭއިން އަންނަނީ މަހުން މަހަށް ޢާއްމުކުރަމުންނެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޑެންގީ ހުމެވެ. 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު 22 ކޭސް ރިޕޯޓުކޮށްފައިވާއިރު މިއަހަރުގެ ޖެނުއަރީ މަހު 195 ކޭސްވަނީ ރިޕޯޓުކޮށްފައެވެ.

ހުމާއި ރޯގާގެ ކޭސް ތައް އިތުރުވަމުންދާއިރު މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގީ ހުމާމެދު ސަމާލުވުމަށްވެސް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން މަދިރި އާލާ ވާފަދަ ތަންތަން ނައްތާލުމާއި މަދިރި ޢާއްމުވާ ގަޑިތަކުގައި ނިވާވާފަދަ ހެދުން ލައިގެން ބޭރަށް ނިކުތުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.


އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު އަރިދަފުސް ރޯގާ ޖެހިގެން މިއަހަރުގެ ޖެނުއަރީ މަހު ރިޕޯޓުކުރި މީހުންގެ ޢަދަދުވެސްވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ 2022 ވަނަ އަހަރުގެ ޖެނުއަރީމަހު 25554 މީހުން ބަލިޖެހިފައިވާއިރު މިއަހަރުގެ ޖެނުއަރީ މަހު 29307 މީހުންވަނީ އަރިދަފުސް ޖެހިގެން ރިޕޯޓުކޮށްފައެވެ. ބޭރަށް ހިންގުމާއި ހޮޑުލުން މިދިޔަ އަހަރުގެ ޖެނުއަރީ މަހަށްވުރެ މިއަހަރުގެ ޖެނުއަރީ މަހުވަނީ މަދުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުވަނީ 9488 މީހުންނަށް ބަލިޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. އަދި މިދިޔަ މަހު 3502 މީހަކުވަނީ ބަލިޖެހިގެން ރިޕޯޓުކޮށްފައެވެ. އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް 19 މީހަކުވަނީ ޕޮޒިޓިވްވެފައެވެ.

މޫސުމީ ހުމާއި ރޯގާ ރާއްޖޭގައި އެކި ދުވަސްވަރު އަބަދުވެސް އިތުރުވެ ކުޑަކުދިން އެޑްމިޓްކޮށްގެން ފަރުވާދިނުމަށް ބާރު ބޮޑުވާ ދުވަސްވަރުއާދެއެވެ. މިފަދަ ދުވަސްވަރުގައި ރައްކާތެރިވުމަށް ޢާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ހުމާއި ރޯގާގެ ޢަލާމަތްތަކެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށްވެސް އެއިދާރާއިން އިލްތިމާސްކުރެއެވެ.