ކުޅިވަރު

ނިއުރޭޑިއަންޓްގެ ފުޓްބޯޅަ ޑިރެކްޓަރަކަށް ކުރީގެ ޑިފެންޑަރ ނިޔާޒު


ނިއުރޭޑިއަންޓްގެ ފުޓްބޯޅަ ޑިރެކްޓަރުގެ މަޤާމަށް އެކްލަބްގެ ކުރީގެ ޑިފެންޑަރ އަހުމަދު ނިޔާޒު ހަމަޖައްސައިފިއެވެ.އެކްލަބް ހިންގުމުގައި ކުރިންވެސް މަސައްކަތްކުރި އަހުމަދު ނިޔާޒަށް ކްލަބްގެ ޑިރެކްޓަރ އޮފް ފުޓްބޯލްގެ މަޤާމް ދިންކަން އިއުލާންކުރީ މިއަހަރުގެ ސީޒަންގައި އެޓީމް ކުޅޭ ފުރަތަމަ މެޗުގެ ކުރިން މިއަދު އޮތް އެންމެ ފަހުގެ ފަރިތަކުރުން ތަކުގެތެރޭގައެވެ. އަހުމަދު ނިޔާޒްއަކީ ކުރިން އެކްލަބްގެ ޖެނެރަލް ސެކްޓްރީކަމާއި، މެނޭޖަރުކަންވެސްކޮށްފައިވާ ކްލަބްގެ ކުރީގެ ޑިފެންޑަރެކެވެ. ކްލަބްގެ ބޯޑްގެ ދައުރު ހަމަވެ، މިއަހަރު އާބޯޑެއް އެކުލަވާލުމުގެ ކުރިން ކްލަބް ހިންގުމާއި، ކުޅުންތެރިން ހޯދުމުގައިވެސް އޭނާ މުޙިންމުދައުރެއް އަދާކުރިއެވެ. އެމުއްދަތުގައި އޭނާއާއެކު ކްލަބް ހިންގުމުގައި ހަރަކާތްތެރިވި އަލީ ޝަމީމްއަކީ މިހާރު އެކްލަބްގެ ޖެނެރަލް ސެކެޓްރީއެވެ.މިދިޔަ ތިން އަހަރު އެދެމަޤާމްވެސް އަދާކުރީ އަންވަރު އަލީއެވެ. އަންވަރު އަލީ އަކީވެސް ނިއުރޭޑިއަންޓްގެ ކުރީގެ ޑިފެންޑަރެކެވެ. މިހާރުގެ ޖެނެރަލް ސެކެޓްރީ އަލީ ޝަމީމްއަކީވެސް އެޓީމްގެ ކުރީގެ ކުޅުންތެރިއެކެވެ. އަދި ކުރިންވެސް ކްލަބް ހިންގުމުގައި ހަރަކާތްތެރިވިއެވެ.