ފޯމިއުލާ ވަން ކާރު ރޭސް ސީޒަނުގައި ވާދަކުރަމުންދާ އެސްޓަން މާޓިން ޓީމަކީ ކުރިއަށް އޮތް ތަނުގައި ޗެމްޕިއަންކަން ހޯދާނެ ޓީމެއް ކަމަށް އެ ޓީމާ އަލަށް ގުޅުނު ތަޖުރިބާކާރު ދުއްވުންތެރިޔާ ފެނާންޑޯ އަލޮންސޯ ބުނެފިއެވެ.
އަލޮންސޯ މިކަން ހާމަކޮށްފައިވަނީ އެޓީމުން މިސީޒަންގައި ބޭނުންކުރާ އާންމުކޮށް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. 2023 ވަނަ އަހަރުގެ ކާރު އާންމުކޮށް ދައްކާލާފައިވަނީ އެކުންފުނީގެ އާފެކްޓެރަރީއެއްގައެވެ. އެފް ވަންގެ ޗެމްޕިއަންކަން ދެފަހަރު ހޯދާފައިވާ އަލޮންސޯ ހާމަކުރިގޮތުގައި އެސްޓަން މާޓިން އާއެކު އޭނާ ރޭސް ތަކެއް ކާމިޔާބުކޮށް ތިންވަނަ މުބާރާތެއް ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް އެކަން މިސީޒަނަށް ނުވެދާނެ ކަމަށްވެސް ބުންޏެވެ.
މިސީޒަން ފެށޭއިރު އެންމެ ފުރިހަމަ ކާރެއް އެސްޓަން މާޓިންއިން ނުފެނިދާނެ ކަމަށާއި ނަމަވެސް ސީޒަންގެ މެދަކާ ހިސާބުން ރޭސްތަކުން ވަނަ ހޯދޭވަރުގެ ފެންވަރު ރަނގަޅު ކާރެއް ފެނުން ވަރަށް ގާތް ކަމަށްވެސް ވަނީ ބުނެފައެވެ. އެފް ވަންގެ 20 ވަނަ މުބާރާތަށް މިސީޒަންގައި ނިކުންނަ އަލޮންސޯ ހާމަކުރިގޮތުގައި އެސްޓަން މާޓިން ޓީމްގެ ވިސްނުން ހުރީ ރަނގަޅު މިސްތާބަށް ކަމަށާއި ނަމަވެސް އަދި ގިނަ ކަންތައްތަކެއް ކުރަން އެބަހުރި ކަމަށެވެ.
އެސްޓަން މާޓިން ޓީމް 2020 ގައި ގަތުމަށްފަހު ކެނެޑާގެ ބިލިއަނަރ ލޯރަންސް ސްޓްރޯލް އަންނަނީ މިޓީމް އެފް ވަންގެ ވަރުގަދަ ބާރަކަށް ހެދުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުންނެވެ. މިގޮތުން މިވީ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާވަނީ އެސްޓަން މާޓިން ޓީމްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު 800 އާއި ގާތްކުރާ އަދަދަކަށް އިތުރު ކޮށްފައެވެ.