ކުޅިވަރު

އިންޓަ ސްކޫލް ކްރިކެޓް: ޗެމްޕިއަންކަން ތާޖުއްދީނާއި ބިލަބޮންގަށް


ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި ފުރަތަމަ އިންޓަ ސްކޫލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުން ހޯދައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ ތިން އަހަރު މި މުބާރާތް ބޭއްވިފައިނުވާއިރު، މި ފަހަރުގެ މުބާރާތުގައި ފަސް ސްކޫލެއް ވަނީ ބައިވެރިވެފައެވެ.

މުބާރާތް ކުރިއަށްދިޔައީ 13 އަހަރާއި 17 އަހަރުން ދަށުގެ އުމުރުފުރާއިން ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަނުގައި ދެ ސްކޫލެއްގެ މެދުގައި ކުޅެވުނު ބިގް މެޗެކެވެ.

މި މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުންނެވެ. އަދި 17 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަމުގެ އިތުރުން އަންހެން ބިގް މެޗު ކާމިޔާބުކުރީ ތާޖުއްދީން ސްކޫލުންނެވެ.

ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި ކުޅުނު މުބާރާތުގައި 13 އަހަރުން ދަށުގެ ޗެމްޕިއަންކަނ ބިލަބޮންގް އިން ހޯދީ ފައިނަލުގައި ހަތް ވިކެޓުން ތާޖުއްދީން ސްކޫލް ބަލިކޮށްފައެވެ. 17 އަހަރުން ދަށުގެ ފައިނަލްގައި މުހިއްޔުއްދީން އަތުން ތާޖުއްދީން މޮޅުވީ ނުވަ ވިކެޓުންނެވެ.