ކުޅިވަރު

އާސެނަލާއި ބްރެންޓްފަޑަށް ހަމަހަމަ ނިމުމެއް


އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އުޅޭ އާސެނަލާއި ބްރެންޓްފަޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލުންނެވެ. ނަމަވެސް މި މެޗްގައި ބްރެންޓްފަޑް އިން ވަނީ ވަރަށް ރަނގަޅަށް ޑިފެންޑްކޮށް އާސެނަލް ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލާފައެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނު އިރު ލަނޑެއް ޖެހުމާއި އެންމެ ގާތަށް ދިޔައީ ބްރެންޓްފަޑްއެވެ. މިގޮތުން އިވާން ޓޯނި ފޮނުވާލި ހަމަލާއެއް ވަނީ އާސެނަލްގެ ގޯލް ދަނޑިއަށް އަމާޒުވެފައެވެ. މި މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ 66 ވަނަ މިނެޓްގައި އާސެނަލުންނެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ވަރަށް ފަހުން އެޓީމާއި ގުޅުނު ލިއާންޑްރޯ ޓްރޮސާޑްއެވެ.

ނަމަވެސް މި ލަނޑު ޖެހިތާ އަށް މިނެޓްފަހުން ބްރެންޓްފަޑް ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ޓޯނީއެވެ. މި ލަނޑު ޖެހުމަށް އުފެއްދި ހަމަލާގައި އެއް ކުޅުންތެރިއެއް އޮފް ސައިޑް ވުމުގެ ފުރުސަތު އޮތުމާއެކު ވަރަށް ގިނައިރު ވީއޭއާރުން ބަލަށްވެސް ބެލިއެވެ. ނަމަވެސް އެންމެ ފަހުންވަނީ އެއީ ލަނޑެއް ކަމަށް ނިންމާފައެވެ. މެޗްގެ ފަހުވަގުތު އާސެނަލްއިން ލަނޑެއް ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެކަން އެޓީމަށް ކާމިޔާބުވާގޮތެއް ނުވިއެވެ.\

މެޗް އެއްވަރުވުމާއެކު އާސެނަލް މިވަނީ މިމަހުގެ 15 ވަނަ ދުވަހު ތާވަލްގެ ދެވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީ އާއި ބައްދަލުކުރާ މެޗަށް ނިކުންނައިރު އަށް ޕޮއިންޓްގެ ލީޑަކާއެކު ނުކުތުމަށް ލިބިގެންދިޔަ ފުރުސަތު ގެއްލިގެން ގޮސްފައެވެ. އާސެނަލް މިހާރު އުޅެނީ ކުޅުނު 21 މެޗުން ލިބިފައިވާ 51 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ސިޓީ އާއި ދެމެދު ހަ ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ.

ނަމަވެސް އާދީއްތަ ދުވަހުގެރޭ އެސްޓަންވިލާ އާއި ބައްދަލުކުރާ މެޗް ކާމިޔާބު ކުރެވިއްޖެނަމަ ސިޓީއަށް މިތަފާތު ތިން ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ބްރެންޓްފަޑް އުޅެނީ 34 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ.