ފަހަތުން އަރައި ކާމިޔާބުކުރި ލަނޑުތަކާއެކު 17 އަހަރުން ދަށުގެ އެފްއޭއެމް އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރެހެންދި ސްކޫލުން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ރެހެންދި ސްކޫލް ހޯދީ މުބާރާތުގެ ފައިނަލުގައި ބުރާސްފަތި ދުވަހުގެރޭ ކަލާފާނު ސްކޫލާއި ވާދަކޮށް 2-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗު ފަށައިގެން ކަލާފާނު ސްކޫލުން މޮޅު ކުޅުމެއް ދައްކާފައިވެއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު މީކާއީލް އަބްދުﷲ މަސްއޫދެވެ.
މި ލަނޑަށްފަހު ރެހެންދި ސްކޫލުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ޖުމްލަ 35 މިނެޓަށް ކުޅުނު ހާފުގެ އެންމެ ފަހުކޮޅު ޝާއިން އިބްރާހިމް ރަމީޒު ވަނީ ރެހެންދި ސްކޫލަށް ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗުން ރެހެނދި ސްކޫލް މޮޅުވި ލަނޑު ދެވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުލް އައްވަލު މައުރޫފެވެ.
ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަތައް ވަނީ ހޮވާފައެވެ. އެގޮތުން މުޅި މުބާރާތުގެ ފެއާޕްލޭ ސްކޫލަކަށް ދަރުމަވަންތަ ސްކޫލު ހޮވުނުއިރު، މުޅި މުބާރާތުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ޤާޒީ ސްކޫލުގެ އަހުމަދު އަޒްލާން އަލީ އެވެ. އޭނާ ވަނީ މި މުބާރާތުގައި 12 ލަނޑު ޖަހާފައެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެހެންދި ސްކޫލުގެ އަހުމަދު އަކްމަލް ނިޒާމެވެ.
ފައިނަލުގައި ބައްދަލުކޮށްފައިވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށްފައިވާ ދެ ޓީމެވެ. މި ދެ ޓީމު ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗު 5-2 އިން ކާމިޔާބުކޮށްފައިވަނީ ރެހެންދި ސްކޫލެވެ.
މިއަހަރުގެ އިންޓަ ސްކޫލް 17 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތް ކުރިޔަށްދިޔައީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގައި މިއަހަރު ޖުމްލަ 17 ޓީމެއް ވަނީ ވާދަކޮށްފައެވެ.