ޚަބަރު

އިންޑިއާގެ ޖާސޫސަކަށް ބިނާކޮށް އަނޫރާގްގެ ފިލްމެއް


ބޮލީވުޑް ޑައިރެކްޓަރު އަނޫރާގް ބާސޫ ބޮޑަށް މަޝްހޫރު ވެފައިވާ ވަނީ ޒާތީ ގުޅުންތަކާއި ވަރަށް މާނަ ފުން ފިލްމުތައް އުފެއްދުމަށެވެ. ނަމަވެސް އަނޫރަގް މިހާރު ތައްޔާރުވަމުން އަންނަނީ އިންޑިއާގެ ޖާސޫސެއްގެ މައްޗަށް ފިލްމެއް އުފެއްދުމަށެވެ.

'ބްލެކް ޓައިގާ" ގެ ނަން ދީފައިވާ މި ފިލްމަކީ އަނޫރާގް ޑައިރެކްޓުކުރާނެ ފުރަތަމަ ބަޔޮގްރޮފިކަލް ފިލްމެވެ. މިއީ މީގެކުރިން ބޮލީވުޑް އެކްޓަރު ސަލްމާންޚާން ލީޑް ރޯލު ކުޅޭނެ ކަމަށް އަޑުއަރާފައިވާ ފިލްމެކެވެ.

2021 ވަނަ އަހަރު އިއުލާނުކޮށްފައިވާ މި ފިލްމަކީ އެ ނަމުން މަޝްހޫރުވި އިންޑިއާގެ ކުރީގެ ވަރުގަދަ ޖާސޫސީ ޝަހުސިއްޔަތު ރަވިންދުރަ ކޯޝިކްގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. އޭނަ ވަނީ 2001 ވަނަ އަހަރު މަރުވެފައެވެ.

މި ފިލްމު ޑައިރެކްޓުކުރާނެ ކަމަށް މީގެކުރިން އަޑުއަރާފައި ވަނީ "ނޯ ވަން ކިލްޑް ޖެސިކާ" އާއި "ރެއިޑް" ގެނެސްދިން ޑައިރެކްޓަރު ރާޖްކުމާރް ގުޕްތާ އެވެ. އަދި އޭރު ފިލްމުގެ ބަތަލާއަކަށް ޔާމީ ގޯތަމް ނަގަން ނިންމި ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް މި ފިލްމުގެ ކާސްޓާއި ބެހޭގޮތުން ޕްރޮޑަކްޝަން ޓީމުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ޑައިރެކްޓުކުރުމުގެ އިތުރުން މި ފިލްމު ޕްރޮޑިއުސްކުރުމުގައިވެސް އަނޫރާގް ހިއްސާވާނެއެވެ. "ބްލެކް ޓައިގާ" ގެ ޕްރޮޑިއުސަރުންގެ ގޮތުގައި އާރް ވިވެކް އާއި އަސްވިން ސްރީވަތުސަންގްނަމްގެ އިތުރުން ދިވޭ ދަމީޖާ ވެސް ބައިވެރިވެއެވެ.

މި ފިލްމަށް "ބްލެކް ޓައިގަ" ގެ ނަން ދީފައިވަނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީ ރަވިންދްރަ އަށް ދެއްވި ނަމުންނެވެ. ރަވިންދްރަ އެންމެ ފުރަތަމަ އަންޑަކަވަރ އަށް ދިޔައީ އޭނާގެ އުމުރުން އެންމެ 20 އަހަރުގައެވެ. އަދި އޭނާ އަކީ މުހިންމު މައުލޫމަތުތައް ވަގުތުން ރިޕޯޓުކުރަމުން ގެންދާން އޮފިސަރެއް ކަމަށްވެސް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.