ކުޅިވަރު

މާޒިޔާއާ ގުޅުނީ ޕްރޮފެޝަނަލް ފުޓްބޯޅަ ތަޖުރިބާކޮށްލަން: ފައިސަލް


މާޒިޔާއިން ކުޅުންތެރިން ގެންގުޅޭ އުސޫލު ކަމުދާ ކަމަށާއި އެ ޓީމާއި ގުޅުނީ ކެރިއަރުގެ ފަހުކޮޅު ޕްރޮފެޝަނަލް ފުޓުބޯޅަ ތަޖުރިބާކޮށްލުމުގެ ބޭނުމުގައި ކަމަށް މި ސީޒަނަށް އެ ޓީމާ ގުޅުނު ކީޕަރު މުހައްމަދު ފައިސަލް ބުނެފިއެވެ.

މިދިޔަ ސީޒަނުގައި ވެލެންސިއާ އަށް ކުޅުނު ނަމަވެސް މުސާރަ މައްސަލައިގައި ފަހުން އެ ޓީމަށް ކުޅެފައެއް ނުވެއެވެ. އުމުރުން މިހާރު 34 އަހަރު ވެފައިވާ ފައިސަލް، ޕްރޮފެޝަނަލްކޮށް ކުޅުން ހުއްޓާލަން އުޅޭ ކަމަށް ވެސް މީޑިއާގައި ވާހަކަ ދެކެވުނެވެ.

މިއީ ފުރަތަމަ ޑިވިޝަނުގައި ފައިސަލް ފެންނާނެ ހަ ވަނަ ކްލަބެވެ. މީގެކުރިން ފުރަތަމަ ޑިވިޝަނުގައި އޭނާ ވަނީ، އޯލް ޔޫތު ލިންކްއޭޖް (އޭވައިއެލް)، ކްލަބް ވެލެންސިއާ، ވިކްޓަރީ ސްޕޯޓްސް ކްލަބް، ނިއު ރޭޑިއަންޓް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅެފައެވެ.

ފައިސަލް، މާޒިޔާއާ ގުޅުނުއިރު، އެ ޓީމުގައި މިހާރުވެސް ގައުމީ ޓީމުގެ ދެ ކީޕަރުން ކަމަށްވާ ހުސެއިން ޝަރީފް (ކީޕަރު ހުސެން) އަދި އިޔާން އަބްދުލް އަލީ (ޗިކީ) ދަނީ ކުޅެމުންނެވެ. މި ދެ ކީޕަރުން ވެސް ވަނީ އެއްބަސްވުން އާކޮށްފައެވެ. އޭނާ މާޒިޔާއަށް ގުޅުނުއިރު ފުރަތަމަ ޑިވިޝަނުގެ އެހެން އެއްވެސް ކުލަބަކުން އަދި މިހާތަނަށް ފުޓުބޯޅަ ހަރަކާތެއް ނުފެނެއެވެ.

ޓީވީއެމްގެ ސާބަސް ޕްރޮގްރާމްގައި ވާހަކަދައްކަމުން ކީޕަރު ފައިސަލް ބުނީ ފުރަތަމަ ޑިިވިޝަނުގެ އެހެން ކުލަބުތަކުން މުސާރައިގެ މައްސަލަ ޖެހި، މެނޭޖްމަންޓުން ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ކަންކަން ނުކުރެވޭ ކަމަށާއި ނަމަވެސް މާޒިޔާއަކީ ހުރިހާ ގޮތަކުން ބަލާއިރު ވެސް ނަމޫނާ ކުލަބެއް ކަމަށެވެ. ފައިސަލް ބުނީ ފުރަތަމަ ޑިވިޝަނުގެ އެހެން ކުލަބުތައްވެސް ރަނގަޅު ކަމަށާއި، ނަމަވެސް މާޒިޔާއިން ކުޅުންތެރިންގެ އަހުލާގު ހިފަހައްޓަން ކުރާ މަސައްކަތް ކަމުދާ ކަމަށެވެ.

އެހެންކަމުން ކެރިއަރުގެ ފަހުކޮޅު ބޭނުންވީ މާޒިޔާއިން ކުޅުންތެރިންގެ މޯޓިވޭޝަނަށް މަސައްކަތްކުރާ ގޮތާ ކާމިޔާބީއާ ހަމަޔަށް ކުލަބުން ކުރާ މަސައްކަތާއެކު ޕްރޮފެޝަނަލް ފުޓުބޯޅަ ތަޖުރިބާކޮށްލުން ކަމަށް ފައިސަލް ބުންޏެވެ.