ކުޅިވަރު

ގުރައިދޫ ސްކޫލް ސަސްޕެންޑުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި


17 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކަލާފާނު ސްކޫލާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާވާ ހިންގާ މުބާރާތްތަކުން ކ. ގުރައިދޫ ސްކޫލް އެއް އަހަރަށް ސަސްޕެންޑުކޮށްފިއެވެ.

އެފްއޭއެމުން މި ނިންމުން ނިންމާފައިވަނީ އެ އިދާރާގެ ޑިސިޕްލިނަރީ ކޮމިޓީގައި އެކި ގޮތްގޮތުން ބެލުމަށްފަހު އެވެ. އެ އިދާރާއިން ވަނީ މި މެޗުގައި ހިނގައިދިޔަ ކަންކަމާ ގުޅިގެން ހަރުކަށި ފިޔަވަޅު އަޅާނެކަން މީގެކުރިން ވެސް ހާމަކޮށްފައެވެ.

މީގެއިތުރުން އެފްއޭއެމުން ވަނީ އެ މެޗުގައި ހަމަނުޖެހުން ހިންގުމުގައި ހަރަކާތްތެރިވި ގުރައިދޫ ސްކޫލުގެ ތިން ކުޅުންތެރިއަކު ވެސް ސަސްޕެންޑުކޮށްފައެވެ. މި ތިން ކުޅުންތެރިންނަށް ކުރިޔަށް އޮތް ދެ އަހަރަށް އެފްއޭއެމުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ކުޅުން މަނާވާނެ އެވެ.

މީގެއިތުރުން އެފްއޭއެމުގެ މުބާރާތެއްގައި ގުރައިދޫ ސްކޫލް ތަމްސީލުކުރާ ހާލަތެއްގައި 10 މެޗު ހަމަވަންދެން އެ ސްކޫލުގެ އެއްވެސް ސަޕޯޓަރަކު މެޗު ކުޅޭ ސަރަހައްދަށް ނުވަދެވޭ ގޮތަށް އެ އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ.

އެފްއޭއެމް އިންޓަ ސކޫލް 17 އަހަރުން ދަށުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައ ކަލާފާނު ސްކޫލުން 2-1 އިން ކ. ގުރައިދޫ ސްކޫލް ބަލިކުރި މެޗު ނިމުމާއެކު ގުރައިދޫ ސްކޫލުގެ ކުޅުންތެރިންނާއި ޓީމު އޮފިޝަލުން އަދި ބެލެނިވެރިން ވެގެން ރެފްރީ އަށް ހަމަލާދީ މާރާމާރީ ހިންގާފައިވެއެވެ. މިއީ ދިވެހި ފުޓުބޯޅަ ތާރީހުގައި ވެސް އިންޓަސްކޫލް ފުޓުބޯޅަ މެޗެއްގައި މާރާމާރީއެއް ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

މި މެޗުގައި ހިނގާ މިދިޔަ ކަންތައްތަކާ ބެހޭގޮތުން ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފް، ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންޓަ ސްކޫލް މުބާރާތެއްގެ ތެރެއިން ރެފްރީގެ ނިންމުމަކާ ހެދި މިފަދަ ކަމެއް ހިންގުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި އަމަލުގެ ސަބަބުން ދަރިވަރުންނަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިކަން ފާހަގަކުރައްވައި، މިނިސްޓަރު މަހުލޫފް ވަނީ މި މައްސަލަ، ޕޮލިހާއި އެފްއޭއެމް އިން ސީރިއަސް ކަމެއްގެ ގޮތުގައި ބަލާނެ ކަމަށް ވިދާޅުވެފައެވެ.

މުބާރާތުގެ ކުރިޔަށްހުރި މެޗުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް އެފްއޭއެމުން ނިންމާފައިވާއިރު، ކުރިޔަށް ދެން އޮތީ މި މުބާރާތުގެ ފައިނަލް މެޗެވެ. ފައިނަލް މެޗުގައި ބައްދަލުކުރާނީ ރެހެންދި ސްކޫލާއި ކަލާފާނު ސްކޫލެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގަ އެވެ.