ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖް: ވަށަފަރާއި ދިއްދޫއަށް ދެވަނަ މޮޅު


ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ހއ. ވަށަވަރާއި ދިއްދޫން ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެ ނޮކައުޓަށް ބުރަށް ދަތުރުކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި އަންގާރަ ދުވަހުގެރޭ ވަށަފަރުން ވަނީ ހޯރަފުށި އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ދިއްދޫން ވަނީ ފަހަތުން އަރައި ފިއްލަދޫގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. ހއ. އަތޮޅުގެ ތިން ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕަކުން ގަދަ ތިން ޓީމު ނޮކައުޓަށް ކޮލިފައިވާއިރު، ދިއްދޫ އާއި ވަށަފަރު ވަނީ ދެ މޮޅު ހޯދައި، އަނެއް ބުރަށް ދަތުރުކޮށްފައެވެ.

ހއ. ގެ ގްރޫޕް އެކެއްގައި މާރަންދޫ އަތުން ތުރާކުނު ވަނީ 3-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި ގްރޫޕްގައި ބާރަށާއި ކެލާ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި ގްރޫޕުން ކެލާ އާއި ބާރަށްވެސް ވަނީ އަނެއް ބުރަށް ގޮސްފައެވެ.

ހއ. އަތޮޅުގެ ދެ ވަނަ ގްރޫޕްގައި އުތީމުން ވަނީ 2-1 އިން އިހަވަންދޫ ބަލިކޮށްފައެވެ. ހއ. އަތޮޅުގެ ތިންވަނަ ގްރޫޕުގައި ދިއްދޫން ފިއްލަދޫ ބަލިކުރިއިރު، ތަކަންދޫ އަތުން މުރައިދޫ ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މީގެ އިތުރުން މި މުބާރާތުގައި ހދ. ވައިކަރަދޫން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ނެއްލައިދޫ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ފިނޭއިން ވަނީ 2-1 ގެ ނަތީޖާއަކުން މަކުނުދޫ ބަލިކޮށް ފުރަތަމަ މޮޅު ހޯދާފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބުދަ ދުވަހުގެރޭވެސް އަށް މެޗެއް ކުޅެވޭނެއެވެ. އެގޮތުން ބުދަ ދުވަހުގެރޭ ކުޅެވިގެންދާނީ ށ، އއ، ކ، ތ އަދި ރ. އަތޮޅުގެ މެޗުތަކެވެ. މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެެންޖުގައި ޖުމްލަ 102 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 19 ވަނަ ދުވަހުއެވެ.