ކުޅިވަރު

އަލްފާ ރޯމިއޯއިން މި ސީޒަނުގައި ބޭނުންކުރާނެ ކާރު ދައްކާލައިފި


ފޯމިއުލާ ވަން ކާރު ރޭހުގެ މި އަހަރުގެ ސީޒަނުގައި ބޭނުންކުރާނެ ކާރު އާންމުކޮށް ދައްކާލި ފުރަތަމަ ޓީމަކަށް އަލްފާ ރޯމިއޯ ވެގެން ހިނގައްޖެއެވެ.

ސީ ފޯޓީ ތްރީ ކާރު އާންމުކޮށް ދައްކާލުން އޮތީ ސްވިޓްޒަލަންޑްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ސްވިޓްޒަލަންޑަށް ނިސްބަތްވާ އަލްފާ ރޯމިއޯގެ މިފަހަރުގެ ސީޒަނަނީ އެނަމުގައި އެފް ވަންގައި ބައިވެރިވާ ފަހު މުބާރާތެވެ. އެޓީމުން މިދިޔަ އަހަރުގެ ސީޒަން ނިންމާލީ ތާވަލްގެ ހަވަނައިގާ އޮވެގެންނެވެ. މިފަހަރުގެ އާ ކާރު ފަރުމާކުރުމުގައި އެޓީމުން ބޮޑަށް އިސްކަންދިނީ ކާރުގެ ފަހަތު ކޮޅު އަލުން ފަރުމާކުރުމަށެވެ.

އަލްފާ ރޯމިއޯގެ އެއްވަނަ ދުއްވުންތެރިޔާ ވެލްޓެރީ ބޮޓާސް ހާމަކުރިގޮތުގައި އެޓީމުން ބޭނުންވަނީ ކުރީ ފަހަރަށްވުރެ ރަނގަޅު ކާމިޔާބެއް ހޯދުން ކަމަށާއި އަމާޒު ހިފާފައިހުރީ ހަވަނައަށް ވުރެ މަތިން ސީޒަން ނިންމުމަށްކަމަށެވެ. މިކަން ކުރުމަށްޓަކައި ކުރިން ފަހަރަށް ވުރެ ރަނގަޅަށް އެއް ފެންވަރެއްގައި ވީހާވެސް ގިނަ ރޭހެއްގައި ހިފެހެއްޓޭތޯ މަސައްކަތް ކޮށް ޕޮއިންޓް އިތުރު ކުރަންޖެހޭނެކަމަށެވެ.

މިޓީމްގެ ޓެކްނިކަލް ޑިރެކްޓަރ ޔާން މޮންޝައު ހާމަކުރިގޮތުގައި އޭނާގެ ޓީމުން މިފަހަރު ބޮޑަށް ބެލީ ކާރުގެ ފަހަތު ކޮޅަށް ރަނގަޅު ބަދަލެއް ގެނެވޭތޯ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މިދިޔަ ސީޒަންގައި ކާރަން ގެންނަން ބޭނުންވެ ނުގެނެވުނު ގިނަ ބަދަލު ތަކެއް މިފަހަރު ގެނައުމަށް މަގުހުޅުވިގެން ގޮސްފައިވާކަމަށެވެ. މައުލޫމާތުލިބިފައިވާގޮތުގައި މިކާރު ފުރަތަމަ ފަހަރަށް ޓެސްޓް ކުރުން މިއަންނަ ހުކުރާއި ހޮނިހިރު ދުވަހު ސްޕެއިންގެ ސަރކިޓް ޑި ބާސެލޯނާ-ކެޓެލޫނިއާގައި އޮންނާނެއެވެ.