ތުރުކީވިލާތުން ސޫރިޔާގެ އުތުރުގެ ސަރަޙައްދުތަކަށް ތަކުރާރުކޮށް ދެމުން ގެންދާ ޙަމަލާތަކަށް ރަޝިޔާއިން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.ރަޝިޔާގެ ރައީސް ވްލަޑިމިރް ޕޫޓިންގެ ތަރުޖަމާން ޑިމިޓްރީ ބިސްކޯފް ވިދާޅުވީ ތުރުކީވިލާތުން ސޫރިޔާގެ އުތުރަށް ދެމުންގެންދާ ޙަމަލާތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި އަދި އެއީ ސޫރިޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ ޢަމަލެއްކަމަށެވެ. ތުރުކީވިލާތުން ސޫރިޔާއަށްދޭ ޙަމަލާތައް ހުއްޓުވުމަށްޓަކައި އދ. ގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކުރުމަށް ރަޝިޔާ މަސައްކަތް ކުރަމުން ގެންދާއިރު، އެމެރިކާއާއި ފަރަންސޭސިވިލާތުން ވަނީ އެކަމާދެކޮޅު ހަދާކަން ހާމަކޮށްފައެވެ.ތުރުކީ ސިފައިން ސޫރިޔާގެ އުތުރުގެ ސަރަޙައްދުތަކަށް ދޭ ޙަމަލާތައް އަމާޒުކުރަމުން ގެންދަނީ ސޫރިޔާގެ އުތުރުގައި ޙަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންގެ މަރުކަޒުތަކަށެވެ. ތުރުކީވިލާތުން ވަނީ ކުރުދީ ހަނގުރާމަވެރިން ބާރު ކަނޑުވާލެވެންދެން އެޙަމަލާތައް ކުރިޔަށްގެންދާނެ ކަމަށް ބުނެފައެވެ.