ކުޅިވަރު

ދެކުނު އެމެރިކާގެ ހަތަރު ގައުމެއް ގުޅިގެން 2030 ގެ ވޯލްޑް ކަޕަށް ބިޑުކޮށްފި


ދެކުނު އެމެރިކާގެ ހަތަރު ގައުމެއް ކަމަށްވާ އާޖެންޓީނާ، ޗިލީ، ޕެރަގުއާއީ އަދި އުރުގުއާއީ ގުޅިގެން 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ބިޑުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިހަތަރު ޤައުމުން ގުޅިގެން މިހާރުވަނީ މިބިޑް ރަސްމީކޮށް ހުށަހަޅާފައެވެ.

މިހަތަރު ޤައުމުން ބޭނުންވަނީ ވާރލްޑް ކަޕް ބާއްވަން ފެށިތާ 100 އަހަރު ފުރޭ މުބާރާތް ފުރަތަމަ މުބާރާތެކޭ އެއްގޮތަށް ދެކުނު އެމެރިކާގައި ބާއްވާށެވެ. އެންމެ ފުރަތަމަ ވާރލްޑް ކަޕް ބާއްވާފައިވަނީ އުރުގުއާއީގެ މޮންޓެވިޑެއޯގައެވެ. އާޖެންޓީނާ، ޗިލީ، އުރުގުއާއީ އަދި ޕެރަގުއާއީއިން ވަނީ ފުޓްބޯޅަ އުފަންވި ތަނަށް އަލުން ވާރލްޑް ކަޕް ގެނައުމަށް ގޮވާލާފައެވެ.

މައުލޫމާތުލިބިފައިވާގޮތުގައި މިހަތަރު ޤައުމުން ވާދަކުރަންޖެހޭނީ ސްޕެއިން އާއި ޕޯޗުގަލްއިން ގުޅިގެން ހުށަހަޅާފައިވާ ބިޑާއި އަދި މޮރޮކޯ އާއި ސައުދީ އަރަބިއާ ގުޅިގެން ހުށަހަޅައިފާނެކަމަށް ބެލެވިފައިވާ ބިޑާއެވެ. ދެކުނު އެކެރިކާ ފުޓްބޯޅަ ކޮންފެޑެރޭޝަންގެ ރައީސް އަލެހަންޑްރޯ ޑޮމިންގުއޭޒް ހާމަކުރިގޮތުގައި 2030 ވަނަ އަހަރުގެ ފީފާ ވާރލްޑް ކަޕަކީ އެހެން ވާރލްޑް ކަޕްތައް ފަދަ ވާރލްޑް ކަޕެއް ނޫން ކަމަށާއި 100 އަހަރު ފުރޭ މުބާރާތް ކުލަގަދަކޮށް އެކަން ރަމްޒުވާގޮތަށް ފާހަގަކުރުން މުހިންމު ކަމަށެވެ. އަދި މިމުބާރާތުގެ މުހިންމުކަން ވިސްނި މިކަން ފަށައިގެން ބޭފުޅުންގެ ހަނދާން އާކޮށް އެފަރާތްތަކަށް ހައްގުވާ ޝަރަފު އެރުވުމަކީ ފީފާއަށް ކުރަންޖެހޭ ކަމެއް ކަމުގައި ގަބޫލް ކުރާކަމުގައިވެސް އޭނާ ފާހަގަކުރިއެވެ.

1930 ވަނައަހަރު އުރުގުއާއީގެ ވެރިރަށުގައި ބޭއްވި މުބާރާތް ކާމިޔާބުކޮށްފައިވަނީވެސް އުރުގުއާއީއެވެ. 2026 ވަނަ އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައެވެ. އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ކްލައުޑިއޯ ޓާޕިއާ ހާމަކުރިގޮތުގައި މިހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ކުރާ މަސައްކަތަކުގައި ބައިވެރިވުމަށް ބޮލީވިއާއަށްވެސް ދައުވަތު ދޭނެކަމަށެވެ.