ކުޅިވަރު

އިޕްސްވިޗް ޓައުން ބަލިކޮށް ފަސްވަނަ ބުރުން ބާންލީ ޖާގަ ހޯދައިފި


އިނގިރޭސި އެފްއޭ ކަޕުގެ ފަސްވަނަ ބުރުން ޗެމްޕިއަންޝިޕުގެ ތާވަލުގެ އެއްވަނައިގައި އުޅޭ ބާންލީ ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ފަސްވަނަ ބުރުން ބަރންލީ ޖާގަހޯދީ ހަތަރުވަނަ ބުރުގެ ރީޕްލޭ މެޗްގައި ލީގް ވަންގެ އިޕްސްވިޗް ޓައުން އާއި ބައްދަލުކޮށް ދެ ލަނޑު އެއްލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަރންލީއެވެ. މިމެޗާއި ދެޓީމުންވެސް ކުރިމަތިލީ އެންމެފަހުން އެދެޓީމް ނިސްބަތްވާ ލީގުތަކުގައި ކުޅުނު މެޗްގައި ކުޅުނު ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. މިގޮތުން މެޗްގެ ކުރީކޮޅު ދެޓީމްވެސް މުޅިން ހަމައަކަށް ނޭޅިގެން އުޅުނުތަން ފެނިގެންދިޔައެވެ.

އެއާއެކު މެޗްގެ ފުރަތަމަ ތިން މިނެޓްގެ ތެރޭގައި ދެލަނޑު ވަނީ ފެނިގެން ގޮސްފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ މެޗްގެ ލީޑު ނެގީ މެޗްގެ ދެވަނަ މިނެޓްގައި ބަރންލީއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނޭތަން ޓެލާއެވެ. އަދި އޭގެ މިނެޓެއް ފަހުން އިޕްސްވިޗުންވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޖޯޖް ހަރސްޓްއެވެ. މިނަތީޖާގައި އޮވެގެން މެޗްގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުން ފެށުމާއެކު މިމެޗްގައި 15 މިނެޓްގެ އިތުރު ދެހާފް ކުޅެން ޖެހިދާނެކަމަށް ގިނަ ބަޔަކަށް ހީވެގެންދިޔައެވެ. ނަމަވެސް އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓްގައި ޓެލާ ކާމިޔާބުކުރި ލަނޑައެކު ބަރންލީއިން މެޗް ކާމިޔާބުކޮށް ފަސްވަނަ ބުރުން ޖާގަހޯދިއެވެ.

މިމުބާރާތުގެ ފަސްވަނަ ބުރުގައި ބަރންލީ ބައްދަލުކުރާނީ ފްލީޓްވުޑް ޓައުން އާއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ބަރންލީގެ ކޯޗް ވިންސެންޓް ކޮމްޕެނީ ވަނީ ނަތީޖާ އާމެދު ހިތްހަމަ ޖެހޭކަން ހާމަކޮށްފައެވެ. އަދި ހާއްސަކޮށް ދެވަނަ ހާފްގައި އޭނާގެ ޓީމުން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭކަމަށްވެސް އޭނާ ހާމަކުރިއެވެ. އަދި އިޕްސްވިޗުން މިމެޗްގައި ދެއްކި ކުޅުމަށްވެސް ކޮމްޕެނީ ތައުރީފް ކޮށްފައިވެއެވެ.

އިޕްސްވިޗްގެ ކޯޗް ކިއެރެން މެކެރާ ހާމަކުރިގޮތުގައި އެފް އޭ ކަޕުން ކޮންމެވެސް ހިސާޕެއްގައި ބަލިވާނެކަން އެނގޭކަމަށެވެ. އަދި ބަލިވާއިރު ބަލިވަނީ އެޓީމަށްވުރެ މަތީ ލީގެއްގެ ވަރުގަދަ ޓީމަކާއި ދެކޮޅަށް ކުޅެ ކުޅުންތެރިން ދަނޑުމަތީގާ ދެއްކޭނެ އެންމެ ރަނގަޅު ކުޅުން ދެއްކުމަށްފަހު ކަމަށްވާންޖެހެއެވެ. އަދި މިކަންވަނީ މިމެޗްގައި އޭނާގެ ޓީމަށް ހާސިލް ކުރެވިފައިކަމަށް އޭނާ ހާމަކުރިއެވެ.