ޚަބަރު

ސްރީދޭވީގެ "އިންގްލިޝް ވިންގްލިޝް" އެއްފަހަރާ ޗައިނާގެ 6000 ތިއޭޓަރަށް


އިންޑިއާގެ ކުރީގެ ބަތަލާ ސްރީދޭވީ މަރުވިތާ ފަސް އަހަރު ފުރުމާއި ދިމާކޮށް އޭނާގެ ފިލްމު "އިންގްލިޝް ވިންގްލިޝް" ޗައިނާ ގައި މި މަހުގެ 24 ވަނަ ދުވަހު ޕްރީމިއާކުރާ ގޮތަށް ނިންމައިފިއެވެ.

އެ ޤައުމުގެ 6000 ތިއޭޓަރުގައި މި ފިލްމު އަޅުވަން ނިންމުމާއި ގުޅިގެން ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ ޕޯސްޓަރުތަކެއްވެސް ވަނީ އާންމުކޮށްފައެވެ. އަދި ފިލްމު ދައްކާނީވެސް ޗައިނާ ބަހުން ޑަބްކޮށްގެންނެވެ.

2012 ވަނަ އަހަރު ޓްރޮންޓޯ ފިލްމު ފެސްޓިވަލްގައި ޕްރިމިއާކޮށް އެ އަހަރުގެ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު ސިނަމާތަކަށް ގެނައި "އިންގްލިޝް ވިންގްލިޝް" އަކީ އެމެރިކާގައި ދިރިއުޅޭ އިނގިރޭސީން ވާހަކަ ދައްކަން ނޭނގޭ، އިންޑިއާ މީހެއްގެ ވާހަކަ ކިޔައިދޭ ކޮމެޑީ ޑްރާމާއެކެވެ.

"އިންގްލިޝް ވިންގްލިޝް" އަކީ ގޯރީ ޝިންޑޭ ލިޔެ، ޑައިރެކްޓްކުރި ވަރަށް ކާމިޔާބު ފިލްމެކެވެ. އެންމެ 10 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަކީ ބޮކްސް އޮފީހުގައި 102 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

"އިންގްލިޝް ވިންގްލިޝް" އަކީ ފިލްމެއްގައި މަސައްކަތް ނުކުރާތާ 15 ވަރަކަށް އަހަރު ފަހުން ސްރީދޭވީ ކުޅުނު ފިލްމެކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2017 ވަނަ އަހަރު ދެއްކި ކްރައިމް ތުރިލާ "މޮމް" އެވެ.

ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ބަތަލާ ސްރިދެވީ މަރުވީ 2018 ވަނަ އަހަރު ދުބާއީގައެވެ. އޭނާ ދުބާއީ އަށް ގޮސް އުޅުނީ ސްރިދޭވީއަށް ބޮޑު ދައިތަ ކިޔާ މޯހިތު މަރުވާހްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށެވެ. ސްރީދޭވީއާއި ފިރިމީހާ އަދި ޕްރޮޑިއުސަރު ބޯނީ ކަޕޫރަށް ދެ އަންހެންކުދިން ވަނީ ލިބިފައެވެ. އެއީ ޖާންވީ ކަޕޫރާއި ހުޝީ ކަޕޫރެވެ. މި ދެ ކުދިންވެސް މިހާރު އަންނަނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުންނެވެ.