ކުޅިވަރު

ރާއްޖޭގެ 27 އަހަރުވީ ހައި ޖަމްޕް ރިކޯޑު މުގުރާލީ އައްޑޫ ސިޓީގެ ޝައިމް


ފުވައްމުލަކު ސީޓީގައި މިހާރު ކުރިއަށްދާ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ހައި ޖަމްޕް އިވެންޓުގައި ވާދަކޮށް އައްޑޫ ހައި ސްކޫލުގެ ދަރިވަރު އައިޝަތު ޝައިމް އަޒީޒް، 27 އަހަރުވީ ގައުމީ އަންހެން ހައި ޖަމްޕް ރިކޯޑު މުގުރާލައިފިއެވެ.

ޝައިމް މި ރިކޯޑު އާކުރީ 1.50 މީޓަރ މަތިން ފުންމައިގެންނެވެ. ކުރިން މި ރެކޯޑް އޮންނަނީ 1996 ވަނަ އަހަރު މާލޭގައި ބޭއްވުނު 04 ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގައި 1.47 މީޓަރު މަތިން ފުންމައިގެން ރެކޯޑު ހެދި ރަނާ އަޙްމަދު ޞާދިޤް އަތުގައެވެ. މިފަހަރުގެ މުބާރާތުގެ 19 އަހަރުންދަށުގެ އަންހެން ހައިޖަމްޕު އިވެންޓުގައި ފަސް އެތްލީޓުން ބައިވެރިވި އިރު އޭގެތެރެއިން އިވެޓުގެ ފައިނަލް ބުރަށް ކޮލިފައިވީ ޝައިމް އެކަންޏެވެ.

މުބާރާތުގެ ދެވަނަ ދުވަހުގެ އިވެންޓުތައް ނިމުނު އިރު ދެ އެތްލީޓަކު ވަނީ މުބާރާތުގެ މީޓް ރެކޯޑު ހަދާފައެވެ. މުބާރާތުގެ ފުރަތަމަ ދުވަހު 19 އަހަރުންދަށުގެ ފިރިހެން ޑިސްކަސް އުކުމުން އެއްވަނަ ހޯދީ 28.92 މީޓަރ ދުރަށް އުކައިގެން އެމްޖޭއެސް ގެ ޙުސައިން އުޒައިން އެވެ. އުޒައިން ވަނީ މި އިވެންޓުން މުބާރާތުގެ މީޓް ރެކޯޑް ހަދާފައެވެ.

މި އިވެންޓުން ދެވަނަ ހޯދީ 22.91 މީޓަރ ދުރަށް އުކައިގެން ގދ. އޭއީސީގެ އަހުމަދު ސާހިލް އެވެ. މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން 100 މީޓަރ ދުވުމުން އެއްވަނަ ހޯދީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އިބްރާހިމް ނާހިލް ނިޒާރު ވަނީ މި އިވެންޓުގެ މީޓް ރެކޯޑު ހަދާފައެވެ. އޭނާ ރޭސް ނިންމީ 11.69 ސިކުންތުންނެވެ.