ކުޅިވަރު

އޮސްޓްރޭލިއާގެ ޓީ20 ކެޕްޓަން ފިންޗް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި


އޮސްޓްރޭލިއާގެ ޓީ20 ޓީމުގެ ކެޕްޓަން އާރޮން ފިންޗް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 36 އަހަރުގެ ފިންޗް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެއްދުވަހުގެ ބައިނަލްއަޤްވާމީ މެޗްތަކުން ރިޓަޔަރ ކޮށްފައެވެ.

ފިންޗްވަނީ ފަސް ޓެސްޓް ސީރީޒްއާއި އެއްދުވަހުގެ 146 މެޗާއި ޓީ20ގެ 103 މެޗްގައި އޮސްޓްރޭލިއާ ތަމްސީލްކޮށްފައެވެ. އަދި 2021 ވަނަ އަހަރު ޓީ20 ވާރލްޑް ކަޕްގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލުމުގައި ފިންޗްވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ފިންޗް ހާމަކުރިގޮތުގައި އޮސްޓްރޭލިއާއަށް ކުޅުމުގެ ފުރުސަތު ލިބިގެންދިއުމަކީ އޭނާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެކެވެ. ޤައުމީ ޓީމަށް ހުއްޓާލިނަމަވެސް ޑޮމެސްޓިކް ޓީ20 މުބާރާތްތަކުގައި އަދިވެސް ވާދަކުރާނެކަމަށް އޭނާ ހާމަކުރިއެވެ. އެގޮތުން އޭނާ އަންނަނީ އޮސްޓްރޭލިއާގެ ބިގް ބޭޝް ލީގުގައި މެލްބަން ރެނެގޭޑްސް ތަމްސީލްކުރަމުންނެވެ.

ފިންޗް ބުނީ އޭނާ ދެން އެންމެ އަވަހަށްވެސް ޤައުމީ ޓީމަށް ކުޅެން އޮތީ 2024 ވަނަ އަހަރުގެ ވާރލްޑް ކަޕްގައި ކަމުން މިއީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށެެވެ. އެއީ ޤައުމީ ޓީމު އެމުބާރާތަށް ވަގުތު އޮއްވާ ތައްޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެތީ ކަމަށްވެސް ބުންޏެވެ.

ފިންޗްއަކީ ޓީ 20 ގައި އޮސްޓްރޭލިއާ ޤައުމީ ޓީމަށް 3120 ލަނޑާއެކު އެންމެ ގިނަ ލަނޑު ހަދާދީފައިވާ ކުޅުންތެރިޔާއެވެ. މީގެއިތުރުން އެއް ދިވަހުގެ މެޗްތަކުގައި އޭނާވަނީ 5401 ލަނޑު ހަދާދީފައެވެ.