ޚަބަރު

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ


މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ގެއްލިގެން ހޯދަމުންދަނީ އައްޑޫސިޓީ މަރަދޫފޭދޫއަށް ގަސްކަރަ، އުމުރުން 31 އަހަރުގެ މުޙައްމަދު އާސިރު އިސްމާޢީލްކަމަށެވެ. އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

ގެއްލިގެން ހޯދަމުންދާ އާސިރު މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި، އޭނާ އެންމެފަހުން ފެނިފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގެ ރޭ 19:30 ހާއިރުކަމަށް އާއިލާއާ ޙަވާލާދީ ފުލުހުން ވިދާޅުވެއެވެ. އަދި އޭރު އޭނާ ލައިގެން ހުރީ ނޫކުލައިގެ ޖީންސަކާއި، ކަޅުކުލައިގެ ގަމީހެއްކަމަށްވެސް އޭނާގެ އާއިލާއިން ފުލުހުންނަށް މަޢުލޫމާތުދީފައިވެއެވެ.

ފުލުހުން ވަނީ މުޙައްމަދު އާސިރު އިސްމާޢީލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ގަލޮޅޮ ޕޮލިސް ސްޓޭޝަންގެ 9631696 އަށް ގުޅައި އެކަން ހިއްސާކޮށްދެއްވުމަށް އާއްމުންގެ ކިބައިން އިލްތިމާސްކުރައްވާފައެވެ.