ޚަބަރު

މަޖިލިސް ކައިރީ ކުރިއަށްދިޔަ އެއްވުމުގައި ދެ ނޫސްވެރިއަކަށް އަނިޔާވި މައްސަލަ ބަލަނީ


ރައްޔިތުންގެ މަޖިލިސް ކައިރީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށްގެންދިޔަ އެއްވުމުގައި ދެ ނޫސްވެރިންއަކަށް އަނިޔާވި މައްސަލަ ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ އެއްވުމުގައި ދެ ނޫސްވެރިއަކަށް އަނިޔާވެފައިވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި މިކަމާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، ފުލުހުންގެ ފަރާތުން އެ ނޫސްވެރިންނަށް އަމާޒުކޮށް އަނިޔާ ދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ނުބެލެވޭކަމަށެވެ.

ފުލުހުން މުޒާހަރާ ރޫޅާލުމުގެ އިންޒާރުދީ، ރޫޅާލުމަށް ޝީލްތަކާއެކު ކުރިއަށް ޖެހެމުން ދިޔައިރު އެއްވުމުގެ ބައިވެރިން ނޫސްވެރިންގެ ގައިގައި އަޅައި ކޮއްޕުމާއި ނޫސްވެރިން ޝީލްޑް ތަކުގައި އަޅައި ކޮއްޕުން ފަދަ ކަންކަމުގެ ތެރެއިން އެ ނޫސްވެރިން ވެއްޓިފައިވާކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

މި ހާދިސާގައި ކަންހިނގާފައިވާގޮތުގެ ފުރިހަމަ ރިވިއުއެއް ޕްރޮފެޝަނަލް ސްޓަންޑަރޑްސް ކޮމާންޑުން ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.