ޚަބަރު

ޓްރާންސްފޯމަރުތައް ބަހައްޓަން ކައުންސިލުން ބިން ނުދޭނަމަ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ


އައު ޓްރާންސްފޯމަރުތައް ބަހައްޓަން ބޭނުންވާ ބިން މާލޭ ސިޓީކައުންސިލުން ހަމަޖައްސައިދީފައި ނުވާތީ، މާލޭގެ ތިން ސަރަހައްދަކުން ކަރަންޓު ކެނޑިދާނެކަމަށް ވިދާޅުވެ ސްޓެލްކޯއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ ތިން ސަރަހައްދެއްގައި ބަހައްޓާފައިވާ ތިން ސަބްސްޓޭޝަނެއްގައި އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން އެދިފައިވާކަމަށެވެ. އަދި މިއަދާ ހަމައަށްވެސް އެ ސިޓީތަކުގެ ޖަވާބެއް ލިބިފައިނުވާކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ސްޓެލްކޯއިން ވިދާޅުވީ އައު ޓްރާންސްފޯމަރުތައް ބައްހައްޓަންޖެހޭކަމަށް ވިދާޅުވެފައިވަނީ، ގާކޮށި، ސިނަމާލޭ 2 ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަނާއި، މަޖީދިއްޔާ ސްކޫލު ކުރިމައްޗަށްވާގޮތައް ހުރި ޕާކިންޒޯނާއި ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަނުގެ އިތުރުން، ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަންގައެވެ.

ސްޓެލްކޯއިން ވިދާޅުވީ، ސިނަމާލޭ 2 ގޯތި ތެރޭގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ މިހާރުވެސް، އޯވާލޯޑްވުމުގެ ސަބަބުން ކައިރީގައިހުރި އެހެން ޓްރާންސްފޯމަރުތަކަށް އޭގެ ބައެއް ލޯޑް ޓްރާންސްފާރ ކުރަންޖެހިފައިވާ ޓްރާންސްފޯމަރެއްކަމަށެވެ. އަދި މިހާރު އެ ލޯޑް، ޓްރާންފަރކުރި ޓްރާންސްފޯމަރުތަށްވެސް ވަނީ އޯވާލޯޑް ވުމާއި ގާތަށްގޮސްފައިކަމަށާއި، އެ ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނަށް ބޭނުންވާ ބިން ހޯދުމަށް 2 މެއި 2021 ގައި ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

މީގެ އިތުރުން ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން ހުރި ޕާކިންޒޯން ހުރި ބިމުގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ 81 އިންސައްތަ ޔުޓިލައިޒްކުރެވިފައިވާ ޓްރާންސްފޯމަރެއްކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. އެތަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަން ބޮޑު ކުރުމަށް ބޭނުންވާ ބިން އެތަނުން ހަމަޖެއްސައިދިނުން އެދި، 13 ސެޕްޓެމްބަރ 2021ގައި ސިޓީ ކައުންސިލަށް ސިީޓީ ފޮނުވިކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި 2021 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ސިޓީ ކައުންސިލަށް ވަނީ މަޖީދިއްޔާ ސްކޫލް ކުރިމަތީ ޕާކިންޒޯން ކައިރީގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށް ބިން ހަމަޖައްސައިދިނުމަށް އެދިފައިކަމަށްވެސް ސްޓެލްކޯއިން ވިދާޅުވިއެވެ. މިހާރު އެތަނުގައި ހުރި 630 ކޭވީއޭގެ ޓްރާންސްފޯމަރުގެ 73 އިންސައްތަ ޔުޓިލައިޒް ކުރެވިފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ނަމަވެސް މިއަދާހަމައަށްވެސް ސިޓީ ކައުންސިލުން އެކަމަށް ބޭނުންވާ ބިން ހަމަޖައްސާދީފައިނުވާކަމުގެ ކަންބޮޑުވުން ސްޓެލްކޯއިން ވަނީ ފާޅުކޮށްފައެވެ.

މި ސަބްސްޓޭޝަންތަކުގެ ހާލަތު ބަޔާންކޮށް، ސިޓީކައުންސިލަށް ފޮނުވާފައިވާ ސިޓީތަކުގައި، އެ ޓްރާންސްފޯމަރުތައް އަވަސް ގޮތެއްގައި ނުބެހެއްޓިއްޖެނަމަ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ކެނޑުންފަދަ ދަތިތަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށް ދަންނަވާފައިވާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކަކީ ހޫނު މޫސުމުގެ ދުވަސްވަރާއި ރޯދަމަސްކަމަށްވާތީ، އެ ޓްރާންސްފޯމަރުތައް އޯވާރލޯޑްވެ، ކަރަންޓު ކެނޑުންފަދަ ކަންކަން ދިމާވެދާނެތީ، މި ބިންތައް ހަމަޖެހި މި ޓްރާންސްފޯމަރުތައް ވީއެންމެ އަވަހަކަށް ބަހައްޓަންޖެހޭކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ނަމަވެސް ޓްރާންސްފޯމަރުތައް ބަހައްޓަން ސިޓީ ކައުންސިލުން ބިން ދީފައި ނުވާ ވާހަކަ މާލެ ސިޓީ ކައުންސިލުން ދޮގުކުރެއެވެ. އެ ކައުންސިލުން ވިދާޅުވީ، އެ ތިން ސަރަހައްދުން ވެސް ބިން ދޫކޮށް ސްޓެލްކޯ އަށް ވާނީ އަންގައިފައިކަމަށެވެ. ނަމަވެސް ސްޓެލްކޯ އިން ބޭނުންވެގެން އުޅެނީ އެ ބިންތައް ސްޓެލްކޯ އަށް ރަޖިސްޓްރީކުރަންކަމަށާއި، މިހާރު ވެސް މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ސްޓެލްކޯގެ ސަބް ސްޓޭޝަންތައް ހުންނާނެކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވިއެވެ. އެ ކައުންސިލުން ވިދާޅުވީ، ބައެއް ތަންތަން ދެބުރިއަށް ވެސް ހަދައިފައި އެބަހުރިކަމަށާއި، އެއިން އެއްވެސް ބިމަކީ ސްޓެލްކޯއަށް ރަޖިސްޓަރީކޮށްދީފައި ހުރި ތަންތަނެއް ނޫންކަމަށެވެ. ބިންތައް ރަޖިސްޓްރީކުރެވޭނީ އެކަމާ ބެހޭ އިޖުރާއަތުތައް ފުރިހަމަކޮށްގެންކަމަށްވެސް މާލެ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.