ޚަބަރު

ނެހާ އާއި އަންގަދް އޮންސްކްރީންގައިވެސް ދެމަފިރިން


މީގެ ކުރިން ފިލްމު "ރަންގީލޭ" އާއި "އުންގްލީ" އިން ސްކްރީނުން އެކުގައި ފެނިގެން ދިޔަ ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ނޭހާ ދޫޕީ އާއި އަންގަދު ބެޑީ ދެމަފިރިންގެ ރޯލުން ފެންނަން ތައްޔާރުވެއްޖެއެވެ. މި ދެމީހުންނަކީ އަސްލު ދިރިއުޅުމުގައިވެސް ދެމަފިރިންނެވެ.

މި ފިލްމަކީ ކޯވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި އޮތް ފުރަބަންދު ދުވަސްވަރު ދެމަފިރިއަކު އެކުގައި އުޅުނު ތަޖުރިބާގެ މައްޗަށް ބިނާކޮށް ހަދާ ކޮމެޑީއެކެވެ. މި ފިލްމަށް ކާސްޓިން ނެގީ 2 ތަރިންގެ ކެމިސްޓްރީއަށް ވިސްނާފައި ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ޝޫޓިން މިހާރު ނިމިފައިވާ މި ފިލްމުގެ ޝޫޓިން ގައި ދެމަފިރިން އުޅުނީ ދަރިންވެސް ގޮވައިގެންނެވެ. މި ފިލްމާބެހޭ އިތުރު ތަފްޞީލެއް ދީފައެއް ނުވެއެވެ.

ނެހާ އާއި އަންގަދް ކައިވެނި ކުރީ 2018 ވަނަ އަހަރު މެއި މަހުގެ 10 ވަނަ ދުވަހުއެވެ. މިކައިވެންޏަށް ގާތްގަނޑަކަށް 5 އަހަރު ވެފައިވާއިރު، ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު ވަނީ ލިބިފައެވެ. އެއީ މެހެރް އާއި ގޯރިގް އެވެ.

ނެހާ އެންމެ ފަހުން ފެނުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި ތްރިލާ ފިލްމު "އަ ތާޒްޑޭ" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ވިކީ ކޯޝާލް އާއި ތްރިޕްތީ ދިމްރީ އާއިއެކު ފެންނަ ރޮމޭންޓިކް ކޮމެޑީއެކެވެ. އަނެއްކޮޅުން އަންގަދް ދެން އެންމެ އަވަހަށް ފެންނާނީ ސަލްމާން ޚާންގެ "ޓާއިގާ 3" އިންނެވެ.