ޚަބަރު

އައްޑޫގެ ޕީޕީއެމް ކައުންސިލަރަކު އެމްޑީޕީއަށް


އައްޑޫ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ކައުންސިލަރަކު ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ. އެމްޑީޕީއާއި ގުޅިވަޑައިގަތީ ޕީޕީއެމްގެ ޓިކެޓްގައި ކައުންސިލަށް އިންތިޚާބެވަޑައިގެންފައިވާ ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިޞަލްއެވެ. އޭނާ އެމްޑީޕީއާއި ގުޅިވަޑައިގަތުމުން އައްޑޫ ސިޓީ ކައުންސިލްގެ ސާފު އަޣުލަބިއްޔަތު މިހާރު ވަނީ އެމްޑީޕީއަށް ލިބިފައެވެ.

މޭޔަރު ހިމެނިވަޑައިގަންނަވާހެން 13 މެންބަރުންގެ މައްޗަށް އެކުލެވޭ އައްޑޫ ސިޓީކައުންސިލަށް އިންތިޚާބުވެވަޑައިގަތީ އެމްޑީޕީގެ 7 މެންބަރުންނާއި، ޕީޕީއެމްގެ 3 މެންބަރުންގެ އިތުރުން އަމިއްލަގޮތުން ވާދަކުރެއްވި 3 މެންބަރުންނެވެ. ނަމަވެސް އާންމު އުސޫލުން މޭޔަރަށް ވޯޓު ނުދެވޭތީ މިހާތަނަށް ސާފު އަޣްލިބިއްތު ނުލިބި އޮތްނަމަވެސް ފައިޞަލް އެމްޑީޕީއާއި ގުޅިވަޑައިގަތުމުން އެމްޑީޕީއަށް ވަނީ ސާފު އަޣުލަބިއްޔަތު ލިބިފައެވެ.
\

އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޙާޟިރުގައި ބޭއްވެވި ހަފްލާގައި ފައިސަލް އެމްޑީޕީއާއި ގުޅިވަޑައިގެންނެވި ފޯމާއި ހަވާލުވެވަޑައިގަތީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލެވެ.

މި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްވެސް ބައިވެރިވެވަޑައިގަތެވެ.

ފައިޞަލް ވިދާޅުވީ އެމްޑީޕީއާއި ގުޅިވަޑައިގަތީ ދާއިރާގެ ކުރިއެރުމަށާއި، ސަރުކާރާއި ގުޅިުވަޑައިގެން ދާއިރާގެ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދިއުމަށްކަމަށެވެ. ފައިޞަލްއަކީ މީގެ ކުރިން ޕީޕީއެމްގެ އެކި ހަރަކާތްތަކުގައި އިސްކޮށް އުޅުވި ބޭފުޅެކެވެ.